ޚަބަރު

ކޯސްޓްގާޑު ޝިޕް ހުރަވީގެ ފުރަތަމަ ރަސްމީ ދަތުރުގައި ސްރީލަންކާއަށް


  • މިއީ އަސްކަރީ ހަރަކާތެއްގައި ބައިވެރިވުމުގެ ދައުވަތު ލިބިގެން ރާއްޖެއިން އެހެން ގައުމަކަށް އެމްއެންޑީއެފްގެ އުޅަނދެއް ކުރި ފުރަތަމަ ދަތުރު

  • ލަންކާގެ މިހާރުގެ ހާލަތުގައި ދޭންޖެހޭ އިންސާނީ އެހީތެރިކަމާއި ޑިޒާސްޓަރ ރިލީފް ސަޕޯޓް ފޯރުކޮށްދިނުމަށް އޮތީ ތައްޔާރަށް

ރާއްޖެއިން ބޭރަށް ކުރި ފުރަތަމަ ރަސްމީ ދަތުރުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ސްރީލަންކާއަށް ހިގައްޖެއެވެ.

ސްރީލަންކާ ނޭވީއަށް 75އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ސްރީލަންކާއަށް ކުރި މި ދަތުރުގައި، ސްރީލަންކާގައި ބޭއްވި އިންޓަނޭޝަނަލް ފްލީޓް ރިވިއުގައި ވެސް ބައިވެރިވެފައިވެއެވެ. މިއީ އަސްކަރީ ހަރަކާތެއްގައި ބައިވެރިވުމުގެ ދައުވަތު ލިބިގެން ރާއްޖެއިން އެހެން ގައުމަކަށް އެމްއެންޑީއެފް ގެ އުޅަނދެއް ކުރި ފުރަތަމަ ދަތުރެވެ.

2016 ވަނަ އަހަރު ބޭއްވި ފްލީޓް ރިވިއުގައި ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ބައިވެރިވެފައިވެއެވެ. އެހެންނަމަވެސް އިންޑިއާ ގައި ބޭއްވި ފްލީޓް ރިވިއުގައި ޝިޕް ހުރަވީ ބައިވެރިވެފައިވަނީ ރިފިޓްކުރުމަށް އިންޑިއާއަށް ކުރި ދަތުރުގެ ތެރެއިންނެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ސްރީލަންކާގައި ނޮވެންބަރު 30ވަނަ ދުވަހު ބޭއްވި މި ފްލީޓް ރިވިއުގެ ހަރަކާތްތައް ކުރިއަށްދިޔައީ، ސްރީލަންކާގެ ވެރިރަށް، ކޮލޮމްބޯގަކަމަށެވެ. މި ފްލީޓް ރިވިއުގައި ދުނިޔޭގެ 20 ގައުމަކުން ވަފުދުތައް ބައިވެރިވި އިރު، އޭގެ ތެރޭގައި ދިވެހިރާއްޖެއާއި ސްރީލަންކާގެ އިތުރުން، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިއާ، ރަޝިއާ އަދި އީރާން ފަދަ ގައުމުތަކުގެ ކަނޑުގެ އުޅަނދުތައް ހިމެނެއެވެ.

ނޮވެންބަރު 27އިން ފެށިގެން 30ވަނަ ދުވަހުގެ ނިޔަލަށް އިންޓަނޭޝަނަލް ފްލީޓް ރިވިއުއާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ސެރެމޯނިއަލް ފްލީޓް ރިވިއުއާއި ސިޓީ ޕެރޭޑާއި ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ނޭވަލް އެކްސްޗޭންޖްތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ސިފައިން ވަނީ ބައިވެރިވެފައެވެ. އަދި، ޕަބްލިކް އެންގޭޖްމަންޓް ހަރަކާތްތަކުގެ ތެރެއިން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ހުޅުވާލިއެވެ.

މި ފްލީޓް ރިވިއުގައި، ކޮލޮމްބޯއިން ފެށި ދަތުރު ރިވިއުކޮށްދެއްވީ ސްރީލަންކާގެ ބޮޑުވަޒީރު، ހަރިނީ ނިރެކާ އަމަރަސޫރިއާއެވެ. މި ފްލީޓް ރިވިއު ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އޮނަރަބަލް މަސްއޫދު އިމާދު ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ސްރީލަންކާއަށް ކުރި ރަސްމީ ދަތުރުގައި، ސްރީލަންކާގެ ނޭވީ ކޮމާންޑަރ، ވައިސް އެޑްމިރަލް ކަންޗަނާ ބަނަގޮޑާ، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް ޒިޔާރަތްކުރައްވައި، އެ ޝިޕްގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ނާފިޢުއާއި ޝިޕްގެ ސިފައިންނާ ބައްދަލުކުރައްވާފައިވެއެވެ.

މީގެއިތުރުން ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ޤުދުރަތީ ކާރިސާގައި، ދޭންޖެހޭ އިންސާނީ އެހީތެރިކަމާއި ޑިޒާސްޓަރ ރިލީފް ސަޕޯޓް ފޯރުކޮށްދިނުމުގައި އެ ޝިޕުން ތައްޔާރަށް އޮތްކަން ސްރީލަންކާގެ ސަރުކާރަށް ވަނީ ދަންނަވާފައެވެ. އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން ސްރީލަންކާއަށް ކުރި ރަސްމީ ދަތުރުން ރަމްޒުކޮށްދެނީ، ދިވެހިރާއްޖެއާއި ސްރީލަންކާއާ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި، މެރިޓައިމް ސެކިއުރިޓީއަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތާއި ދޭ އެއްބާރުލުމެވެ.