ފެނަކަ ކޯޕަރޭޝަނުގެ ބްރާންޗުތަކުގައި ސެކިޔުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަނުގެ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސެކިޔުރިޓީ ކެމެރާ ސިސްޓަމް ހަރުކުރަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާތީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ 2 މީހެއްގެ މައްޗަށް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ. ދައުވާކުރަން ފޮނުވާފައިވަނީ މ. ފެހިވިދުވަރު އިސްމާޢިލް ޝަމްއޫންއާއި ޏ.ފުވައްމުލައް ހޯދަޑު މަރިޔަމް ދީނާ ޞާލިހުގެ މައްޗަށެވެ.
ޕީޖީ އޮފީހުން ވިދާޅުވީ މި ދެ މީހުންގެ މައްޗަށް ދައުވާ ކުރީ 25 ޖޫން 2018ގައި ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމަކާއި ހެޑް އޮފީހުގައި ކޮމާންޑް ސެންޓަރެއް އަދި ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީކަމަށެވެ.
ކެއިރެޓްސޫ ކުންފުނިން ފެނަކައަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ އެ ކުންފުންޏަށް ލިބިދިނުމުގައި މި ދެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ޕީޖީން ވިދާޅުވެއެވެ. މި މައްސަލައިގެ ކުށް ސާބިތުވެއްޖެ ނަމަ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ.