ޚަބަރު

ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ލަންކާގައި އުޅޭ ދިވެހިންގެ ޚާއްޞަ ޑޮނޭޝަން ޕްރޮގްރާމެއް


  • ސާފުތާހިރު ވުމަށް ބޭނުންވަ ސާމާނޫ ފޯރުކޮށްދެވޭނެ

  • އަވަހަށް ހަލާކުނުވާ ކާނާއާއި ކުޑަކުދިންނަށް ބޭނުންވާ ސާމާނު ފޯރުކޮށްދެވޭނެ

ސްރީލަންކާގެ މޫސުމީ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ލަންކާގައި އުޅޭ ދިވެހިން ޚާއްޞަ ޑޮނޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ.

ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގައި ޚާއްސަ ޓެލަތޯންއެއް ކުރިއަށްގެންގޮސްފައިވާއިރު އެ ޤައުމުގައި ތިބި ދިވެހިންވެސް ވަނީ ލަންކާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ޚާއްޞަ ޑޮނޭޝަން ޕްރޮގްރާމެއް ފަށާފައެވެ. މި ޑޮނޭޝަން ޕްރޮގްރާމްގެ ދަށުން ބޯފެނާއި ބެހާއި އަންނައުނާއި ސާފުތާހިރުވުމަށް ބޭނުން ވާ ސާމާނު ފޯރުކޮށްދިނުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި އަވަހަށް ހަލާކުނުވާ ކާނާއާއި ކުޑަކުދިންނަށް ބޭނުންވާ ސާމާނުގެ އިތުރުން ނިދަން ބޭނުން ކުރާނެ ބެޑްޝީޓްއާއި ތުވާލި ފަދަ ތަކެތި ހަދިޔާ ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

މި ތަކެތި ހަދިޔާ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 8:00 ޖެހުމާހަމައަށް ސޯސަންވިލާއިން ބަލައިގަންނާނެއެވެ.

ސްރީލަންކާގެ މޫސުމީ ކާރިސާގައި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހި އެހީތެރިކަން ބޭނުންވެފައެވެ. ޚާއްސަ ގޮތެއްގައި ކާބޯތަކެއްޗަށާއި ޒަރޫރީ ތަކެއްޗަށް ވަނީ ވަރަށް ބޮޑަށް ބޭނުން ޖެހިފައެވެ.