ސްރީ ލަންކާގެ އެންމެ ބޮޑު ޖަލު ކަމަށްވާ ވެލިކަޑަ ޖަލުގެ ޤައިދީންގެ މެންދުރު ކެއުން ޙާލުގައި ޖެހިފައިވާ މީހުންނަށް ހަދިޔާކޮށްފިއެވެ.
ވެލިކަޑަ ޖަލުގެ ޤައިދީންގެ ފަރާތުން ހަދިޔާ ކޮށްފައި ވަނީ 750 ކިލޯގެ ހަނޑުލާއި 100 ކިލޯގެ މުގާއި 100 ކިލޯގެ ހަކުރާއި 100 ކިލޯގެ ޗިކްޕީސްގެ އިތުރުން 100 ކިލޯގެ ކައުޕީސްއެވެ. އޭގެ އިތުރުން އެ ޖަލުގެ އެއް އިރުގެ ކެއުމަށް ބޭނުންކުރާ އެހެން ތަކެތި ވެސް ވަނީ ހަދިޔާކޮށްފައެވެ.
ވެލިކަޑަ ޖަލަކީ ސްރީ ލަންކާގެ އެންމެ ނުރައްކާތެރި ކުށްވެރިން ބަންދުކޮށްފައި ތިބޭ ސަލާމަތީ ކަންކަން އެންމެ ވަރުގަދަ ޖަލެވެ. 1841 ވަނަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ އިސްތިޢުމަރީ ބާރުން ބިނާކޮށްފައިވާ ވެލިކަޑަ ޖަލުގައި ބަންދުކޮށްފައިވާ މީހުންގެ ޢަދަދު 1،700އަށްވުރެ އިތުރު ވާނެ ކަމަށް ބެލެވެއެވެ.
ދެކުނު އޭޝިޔާގެ ސަރަޙައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާގައި ވަނީ 355 މީހުން މަރުވެ 366 މީހުން ގެއްލިފައެވެ. އެ ތޫފާނުގެ އަސަރު ވަނީ 1.1 މިލިޔަން މީހުންނަށް ކޮށްފައެވެ. އަދި 200،000އެއްހާ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.