ޚަބަރު

ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި


  • 10 މަޤާމަކަށް ކުރިމަތިލާން ވަނީ، ފުރުސަތު ހުޅުވާލާފައި

  • ކުރިމަތިލާ ފަރާތްތަކުން ކަނޑައަޅާފައިވާ އަދަދަކަށް ޕާޓީއަށް މެންބަރުން އިތުރުކުރަންޖެހޭ

  • ޕްރައިމަރީ އޮންނާނީ، މި މަހުގެ 27ގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ތަމްސީލް ކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން ގިނަ މެންބަރުން ދަފްތަރުގައި ހިމެނޭ ޕާޓީތަކުން އިންތިޚާބުތަކުގައި އެޕާޓީއެއްގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ދެނީ، ޕްރައިމަރީއެއް ބާއްވައި އެއިން އިންތިޚާބުވާ ކެންޑިޑޭޓުންނަށެވެ. އެގޮތުން ޕީއެންސީން މި ފުރުސަތު ހުޅުވާލާފައިވަނީ، މި މަހުގެ 15ވަނަ ދުވަހާއި ހަމައަށެވެ.

ޕީއެންސީގެ ކެމްޕޭން މެނޭޖަރު އަދި އެ ޕާޓީގެ ޕާލިމަންޓްރީ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވާ ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި އެޕާޓީން ގިނަ އަދަދެއްގެ މީހުން ވާދަކުރާނެ ކަމަށް ލަފާކުރެވެއެވެ. މި ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، 10 މަޤާމަކަށް ކުރިމަތިލެވޭނެއެވެ.

ޕްރައިމަރީގައި ވާދަކުރެވޭނެ މަގާމުތައް

ސިޓީ މޭޔަރ ސިޓީ ކައުންސިލް މެންބަރުން ސިޓީ ކައުންސިލްގެ އަންހެން މެންބަރުން ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ރަށު ކައުންސިލް ރައީސް ރަށު ކައުންސިލް މެންބަރުން ރަށު ކައުންސިލް އަންހެން މެންބަރު ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން

މި މަޤާމުތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 15ވާ ހޯމަ ދުވަހުގެ އިރުއޮއްސި 6:00 ޖެހުމުގެ ކުރިން ފޯމު ހުށަހެޅުމަށް ޕީއެންސީން އެދެއެވެ. މި މަޤާމުތަކަށް ކުރިމަތިލެވޭނީ، ޤާނޫނާއި ޤަވާއިދުތަކުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ މީހުންގެ ތެރެއިން ޕީއެންސީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ނުވަތަ ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް އެ ޕާޓީން ބުނެއެވެ.

މީގެ އިތުރުން ކޮންމެ މަޤާމަކަށް ކުރިމަތިލާ ފަރާތެއްވެސް ކަނޑައަޅާފައިވާ އަދަދަކަށް ޕާޓީއަށް މެންބަރުން އިތުރު ކުރަންޖެހޭނެ ކަމަށް ޕީއެންސީން ނެރުނު ބަޔާނުގައި ވަނީ، ބުނެފައެވެ.

ޕީއެންސީގެ ޕްރައިމަރީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 27ވަނަ ދުވަހު ހެނދުނު 9:00ން ހަވީރު 4:00އަށެވެ.

ޕީއެންސީއަކީ، މިވަގުތު ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެންބަރުން ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި އެ ޕާޓީގެ ދަފްތަރުގައި 68،665 މެންބަރުން ވަނީ، ރަޖިސްޓްރީކޮށްފައެވެ.

މިދިޔަ ހަފުތާގައި މަޖިލީހުން ފާސްކުރި ބިލުތަކާއެކު އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ބަދަލުތަކެއް އަންނާނެއެވެ. ރައީސުލްޖުމްހޫރިއްޔާ އެ ބިލުތައް ތަސްދީޤު ކުރެއްވުމާއެކު 2000 އަށްވުރެ އާބާދީ ކުޑަ ރަށްރަށަށް އިންތިޚާބު ކުރާނީ، 3 ކައުންސިލަރުންނެވެ. އަދި އެއަށްވުރެ އާބާދީ ބޮޑު ރަށްރަށަށް އިންތިޚާބު ކުރާނީ، 5 މެންބަރުންނެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންގެ އަދަދުވެސް ކައުންސިލަރުންގެ އަދަދާ އެއްވަރަށް ބަދަލުވެ، އެ ކޮމިޓީގެ ރައީސަކީ ވަކިން އިންތިޚާބު ކުރާ ފުލްޓައިމް މަޤާމަކަށް ވެގެންދާނެއެވެ.