ޚަބަރު

ބީއެމްއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި 43 މުވައްޒަފުންނަށް އެވޯޑު


  • ބީއެމްއެލްގެ 43 މުވައްޒަފުންނަށް އެވޯޑު ދީފައިވޭ

  • 20 އަހަރުން ފެށިގެން 40 އަހަރާއި ދެމެދު ޚިދުމަތްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފައިވޭ

ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.

މިރަސްމިއްޔާތުގައި ބޭންކަށް 15، 20، 30 އަދި 40 އަހަރު ޚިދުމަތްކުރެއްވި މުވައްޒަފުންނަށް އެވޯޑު ޙަވާލުކޮށްދެއްވީ، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބޯޑު މެންބަރުންނެވެ.

މި ޙަފްލާގައި 43 މުވައްޒަފުންނަށް އެވޯޑު ދީފައިވެއެވެ. 40 އަހަރުގެ ދިގު މުއްދަތެއްގައި ބޭންކަށް ޚިދުމަތްކޮށްފައިވާތީ ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރ ޙަސަން ޝާމަށް ވަނީ، ޚާއްސަ އެވޯޑެއް ދީފައެވެ. އަދި ބޭންކަށް 25 އަހަރު ޚިދުމަތްކޮށްދީފައިވާތީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފަށްވެސް ވަނީ، އެވޯޑެއް ދީފައެވެ.

މި އެވޯޑުތައް ލިބުނު މުވައްޒަފުންނާއި މުޚާތަބުކުރައްވާ ޝަރީފް ވިދާޅުވީ، މުއައްސަސާއެއް ކާމިޔާބުވެ ވަރުގަދަވަނީ އެ މުއައްސަސާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކިބައިގައި ހުންނަ ރަގަޅު ސިފަތަކާއެކު، އެ މުއައްސަސާއަށް ހޭދަކުރާ ވަގުތުތަކާއި، އެ މުއައްޒަފުންގެ ހުނަރާއި އެ މުއައްސަސާއެއްގެ އަމާޒުން ކަމަށެވެ.

"މި ބޭންކު މިއަދު ކާމިޔާބުކަމާއިއެކު މިހިސާބަށް ވާސިލުވުމުގެ އަސްލަކީ ތިޔަބޭފުޅުން. އެހެންކަމުން ތިޔަ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ބޭންކުގެ ބޯޑާއި، މެނޭޖްމެންޓާއި ހުރިހާ މުވައްޒަފުންގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން." ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގައި މަސައްކަތްކުރާ %99 މުވައްޒަފުންނަކީ، ދިވެހިންނެވެ. މުވައްޒަފުންގެ ޤާބިލުކަމާއި، ހުނަރު ކުރިއެރުވުމަށާއި ވަޒީފާގެ މައިދާނުގައި ކުރިއެރުން ހޯދައިދިނުމަށް ބޭންކުން އަބަދުވެސް އެކިއެކި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގާ ކަމަށް އެ ބޭންކުން ވިދާޅުވިއެވެ. އަދި މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައްވެސް ބާއްވައެވެ.

މުވައްޒަފުންގެ ކުރިއެރުމަށާއި މުވައްޒަފުންނާއި ގުޅޭގޮތުން ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ސަބަބުން ޖެހިޖެހިގެން ގިނަ އަހަރުތަކެއްގައި ބީ.އެމް.އެލްއަށް "އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ލިބިފައިވެއެވެ.