ޚަބަރު

އެހީއަށް ހާއްސަ ހޮޓްލައިނެއް، ދިވެއްސަކަށް ގެއްލުމެއް ލިބިގެން ރިޕޯޓެއް ނުލިބޭ: ހައިކޮމިޝަން


  • ދިވެހިންގެ ޙާލަތު ދަނީ، ގާތުން ބަލަމުން

  • އެހިތެރިކަމެއް ބޭނުންވާނަމަ ކޮމިޝަނަށް އެންގުމަށް ވަނީ އެދިފައި

ލަންކާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ޙާދިސާގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ކުރިމަތިވެގެން ރިޕޯޓްކޮށްފައި ނުވާކަމަށް ލައްކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ހައިކޮމިޝަނުން ދަނީ، ދިވެހިންގެ ޙާލަތު ގާތުން ބަލަމުންނެވެ.

ދިވެހި އާއިލާއަކަށް ވީނުވީ ނޭނގިފައިވާ ކަމަށް ދެކޭވޭ ވާހަކަތަކާއި ގުޅޭގޮތުން، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ޙިއްސާ ކުރައްވަމުން ކޮމިޝަނުން ވިދާޅުވީ، އެފަދަ އެއްވެސް މައްސަލައެއް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އެކަމުގައި ދިމާވެފައިވަނީ، އާއިލާއަށް ގުޅުމުގައި އުޅުނު ދަތި ކަމެކެވެ. ނަމަވެސް މިހާރު އާއިލާއާއި ޚަބަރުވެ، އެކަން ޙައްލުވެފައިވާ ކަމަށް މައުލޫމާތުލިބެއެވެ.

ލަންކާގެ ޙާލަތާއި ގުޅިގެން ސަމާލުވުމަށް އެ ޤައުމުން އަންގާފައިވާތީ، ދިވެހި އެމްބަސީއިންވެސް ވަނީ މި ޢިލްތިމާސާ އެއްގޮތަށް ދިވެހިން ޢަމަލުކުރުމަށް އަންގާފައެވެ. އެގޮތުން ކޮންމެހެން ކުރަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ދަތުރުފަތުރު ނުކުރުމަށާއި، ޚާއްސަކޮށް ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތައް ހިނގާ ސަރަޙައްދުތަކަށް ދަތުރު ނުކުރުމަށް ވަނީ އަންގާފައެވެ.

އަދި ބޯކޮށް ވާރޭވެހުމާއި ވައިގަދަވާ ވަގުތުތަކުގައި ބޭރަށް ނުނިކުތުމަށާއި، ލަންކާގެ މޫސުމާއި ބެހޭ އިދާރާގެ އެންގުންތަކުގެ އަދާހަމަ ހޯދުމަށް ވަނީ އެދިފައެވެ.

މީގެއިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ފެނާއި ބޭސް ފަދަ ތަކެތި ހޯދައި، ރައްކާތެރި ތަންތަނުގައި ބެހެއްޓުމަށާއި، މުހިންމު ލިޔެކިޔުންތަކަށް ސަމާލުވުމުގެ އިތުރުން މޯބައިލް ފޯނު ޗާޖު ކޮށްފައި ބޭއްވުން ފަދަ ކަންކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

މީގެއިތުރުން ލަންކާއިން މާލެ ދަތުރުކުރާ ފަރާތްތަކުންވެސް ދަތުރުގެ މަޢުލޫމާތު ރަނގަޅަށް އޮޅުންފިލުވައި، ދުރާލާ އެއަރޕޯޓަށް ދަތުރު ފެށުމަށްވެސް އިރުޝާދު ދީފައިވެއެވެ.

ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ، ވިއްސާރައިގައި ކޯރުތައް ފުރި ބަންޑުންވަމުންދާ ކަމުގެ އިންޒާރު ކަމާއި ބެހޭ ފަރާތްތަކުން ދެމުންދާތީ، އެފަދަ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނާއި، ބިންތިރި ސަރަޙައްދާއި މޫދު ކައިރި ސަރަޙައްދުގައި ދިރިއުޅޭ މީހުން އިންޒާރަށް ސަމާލުވެ، ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގާފައެވެ. އަދި އެއްވެސް އެހީތެރި ކަމަކަށް ބޭނުންވެއްޖެނަމަ، ކޮމިޝަންގެ ހޮޓްލައިން 768816666 އަށް ގުޅުމަށްވެސް ވަނީ ޢިލްތިމާސްކޮށްފައިވެއެވެ.

ފަހުގެ ތާރީޚެއްގައި ސްރީލަންކާއަށް ވާރޭ ނުވެހޭ މިންވަރަށް އެ ޤައުމަށް ވާރޭވެހި ފެންބޮނޑުވުމާއި ގުޅިގެން މިހާތަނަށް އެޤައުމުން 50 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މިހާދިސާގައި 21 މީހުން ގެއްލި، އެތަށް ހާސް ބަޔަކުވަނީ ހާލުގައިޖެހިފައެވެ. މީގެއިތުރުން ވިއްސާރައާއި ގުޅިގެން ސްރީލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ، އެ ޤައުމުގައި ފުރަތަމަ ފަހަރަށް ރަތް ސަމާލު އިޢުލާނުކޮށް، މޫސުން ވަރަށް ގޯސް ކަމުގެ އިންޒާރުވެސް ދީފައެވެ.