ގަސްގަހާއި ގެއްސާއި ގަހުގެ ބައިތައް އިމްޕޯޓުކުރުމަށް މިހާތަނަށް 2000 މީހުންނަށް ހުއްދަދީފައިވާކަަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ގަސްގަހާއި ގެއްސާއި ގަހުގެ ބައިތައް ރާއްޖެއިން ބޭރުކޮށް އެތެރެކުރެވޭނީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުންނެއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ރުކާއި ރުކުގެ ބައިތައް އެއްރަށުން އަނެއްރަށަށް ގެންދިޔުމަށް ހުއްދަދެވޭނީ ނުރައްކާތެރި ޕެސްޓެއްކަމުގައިވާ ހިސްޕިޑް ބީޓަލް ނޫޅޭ ރަށްތަކަށް އެކަނިކަމަށެވެ. އެގޮތުން 28 ފަރާތަކަށް ހުއްދަދީފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެ ވުޒާރާއިން ވިދާޅުވީ ރާއްޖެއިން ބޭރުން ގަސް އިމްޕޯޓްކުރުމަށް މިހާތަނަށް 2000 ފަރާތަކަށް ހުއްދަދީފައިވާކަމަށެވެ. އަދި ގަސްގަހާއި ގެހި އެކްސްޕޯޓުކުރުމަށް 3 ފަރާތަކަށް ހުއްދަދީފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރުކާއި ރުކުގެ ބައިތައް އިމްޕޯޓްކުރުމަށް 3 ފަރާތަކަށް ހުއްދަދީފައިވާކަމަށްވެސް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ދަނޑުވެރިކަމުގައި ބޭނުންކުރާ ތަފާތު އެކި ކެމިކަލްތަކާއި ބޭސްތައް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ މިހާތަނަށް 1057 ފަރާތަކަށް ވަނީ ދީފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖަނަވަރީމަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން، 3،869،648 (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް ނުވަހާސް ހަސަތޭކަ ސާޅިސް އަށެއް) ގަސްގަހާއި ގެއްސާ، ގަހުގެ ބައިތައް ރާއްޖެ އެތެރެކޮށްފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ގަސްގަހާއި ގެއްސާއި ގަހުގެ ބައިތަކުގެ 405 ޝިޕްމެންޓް ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.
މީގެ އިތުރުން ދިވެހިރާއްޖެއިން ބޭރުކުރެވޭ ގަސްގަހާގެއްސާއި ގަހުގެބައިތައް ބޭރުކުރެވޭނީ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީނު ޔުނިޓުން ދޫކުރާ ފައިޓޯ ސެނިޓަރީ ސެޓްފިކެޓްއާއެކުގައިއެވެ.
ރާއްޖެއިން ބޭރުން މިގޮތަށް ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް އެތެރެކުރާއިރު، ޤަވައިދުތަކާއި އުސޫލުތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމުކަމެކެވެ. އެގޮތުން ގަސްގަހާގެހި ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އެކްސްޕޯޓްކުރެވޭ ގައުމުގެ އެން.ޕީ.ޕީ.އޯ އިން ދޫކުރާ ފައިޓޯ ސެނިޓަރީ ސެޓްފިކެޓާއެކު މެނުވީ، އެއްވެސް މީހަކު، ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި އެނޫން ރެގިއުލޭޓްކުރެވޭ ތަކެތި ދިވެހިރާއްޖެއަށް އިމްޕޯޓްކޮށްގެން ނުވާނެއެވެ.
ކަރަންޓީންކުރާ ޕެސްޓެއް އެތަކެތީގައި އަށަގަނެފައި ހުރިކަން އެނގިހުރެ، ގަސްގަހާގެހި، ގަހުގެ ބައިތަކުގެ އުފެއްދުންތައް، ނުވަތަ ރެގިއުލޭޓްކުރެވޭ ތަކެތި އެއްވެސް ގޮތަކަށް ހެއްދުމާއި، އަތުގައި ބެހެއްޓުމާއި، ވިއްކުމާއި، ވިއްކުމަށް ހުށަހެޅުމާއި، އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ފޯރުކޮށްދިނުމަކީ މަނާކަމެކެވެ.