ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް ވިލިމާލެއިން ހޫނު މަރުޙަބާއެއް


  • ރައްޔިތުންނާ ބައްދަލުކުރައްވާނެ

  • ބައްދަލުކުރެއްވުން ކުރިއަށްދާނީ މުޙްޔިއްދީން ސްކޫލުގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލޭއަށް ވަޑައިގަތުމުން އެމަނިކުފާނުނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްޙޫރިއްޔާ ވިލިމާލެއަށް ވަޑައިގެންނެވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަޑުއެއްސެވުމަށެވެ. މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިޢުލާނުކުރެއްވި އިޢުލާނުކުރެއްވުމާ އެއްގޮތްވާ ގޮތުގެމަތީން އެ އަވަށުގެ ރައްޔިތުންނަށް ބައްދަލުކުރެއްވުމަށެވެ. އެގޮތުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން ކުރިއަށްދާނީ މުޙްޔިއްދީން ސްކޫލުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެކަމުގެ ވައުދުފުޅާއެކުގައެވެ. އެ ވައުުފުޅާ އެއްގޮތަށް މިހާތަނަށް އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މިއީ ރާއްޖޭގެ ވެރިޔަކު ވެރިކަމުގެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރައީސްގެ މި ދަތުރުފުޅުތަކުގައި ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި އެ ރަށެއްގެ ރައްޔިތުންނާއި ކައުންސިލްތަކުގެ ކަންބޮޑުވުން އަޑުއައްސަވައި އެކަންކަން ހައްލުކުރެއްވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.