ގައުމީ ސްޕްރިންޓް ކޯޗް ހުސެއިން ހަލީމް ވޯލްޑް އެތުލެޓިކްސްގެ ސްޕްރިންޓް އެންޑް ހާޑްލްސް ކޯހުގެ ލެވެލް 3 ފުރިހަމަކޮށް ސެޓިފިކެޓް ހާސިލް ކޮށްފިއެވެ. މިއީ އެތުލެޓިކްސް ކޯޗިންގެ އެންމެ ފެންވަރު މަތި ކޯހެވެ.
ގައުމީ އެތުލެޓިކްސް ޓީމުގެ ކޯޗު ހުސެއިން މި ކޯސް ފުރިހަމަކުރީ 11-22 ނޮވެމްބަރަށް ސައުތު ކޮރެއާގެ ޔިޗޮން-ގަންގައި ހުންނަ ކާފް އެތުލެޓިކްސް އެޑިއުކޭޝަން އެންޑް ޓްރެއިނިން ސެންޓަރުގައެވެ.
މި ކޯހާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ކޯޗު ހުސެއިން ބުނީ މިއީ ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުން ދިން ފުރުސަތެއް ކަމަށެވެ.
އެކި ގައުމުތަކުން މި ކޯހަށް ކުރިމަތިލި ކޯޗުންގެ ތެރެއިން އިންޓަރވިއުއިން ފާސްވެގެން ލިބުނު މި ފުރުސަތުގައި ކާމިޔާބުކަމާއެކު ކޯސް ނިންމާފައިވާއިރު ކޯޗު ހުސެއިން ވަނީ އެތުލެޓިކްސް އެސޯސިއޭޝަނާއި ކޯޗު ފާއިލްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަން ފާހަގަކޮށްފައެވެ.
ހުރިހާ ގައުމަކަށް ހުޅުވާލި ފުރުސަތެއްގައި އެޕްލައިކުރި ކޯޗުންގެ ތެރެއިން މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އެކި ޤައުމުތަކުން 20 ކޯޗުންނަށެވެ. ހުސެއިން ވަނީ މީގެކުރިން ސްޕްރިންޓް އެންޑް ހާޑްލްސް ކޯހުގެ ލެވެލް 2 ފުރިހަމަކޮށްފައެވެ.
ކޯޗު ހުސެއިން ވަނީ އެންމެ ފަހުން ބޭއްވި އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ އެތުލެޓިކްސް ޓީމުގެ ހެޑް ކޯޗުގެ މަގާމް އަދާކޮށްފައެވެ. އަދި ގައުމީ ޓީމުގެ އެތުލީޓުންގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ސްޕްރިންޓް ކޯޗު ހުސެއިންގެ އިރުޝާދާއެކު ނިމިގެންދިޔަ ގައުމީ އެތުލެޓިކްސް މުބާރާތުގެ ބައެއް އެތުލީޓުން ވަނީ އެކި އިވެންޓްތަކުން ރަނގަޅު ކާމީޔާބީތަކެއް ހޯދާފައެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން އަންނަނީ ރާއްޖޭގައި މި ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ގިނަ ފުރުސަތުތައް ކޯޗުންނާއި އެތުލީޓުންނަށްވެސް ހޯދައިދެމުންނެވެ. އަދި ސަރަހައްދީ މުބާރާތްތަކުން ރަނގަޅު ކާމީޔާބީތައް ހޯދުމަށް ބައިނަލްއަގްވާމީ ތަޖުރިބާތައް ލިބޭ މިންވަރު އިތުރުކުރުމަށް ކޯޗުންނަށް އަދި އެތުލީޓުންނަށް އަންނަނީ ފުރުސަތުތައް ފަހިކޮށްދެމުންނެވެ.