މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ މިފްސާގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް ދާތޯ އިސްކަންދަރު މުޙައްމަދު ނޫލީ ޢައްޔަން ކުރައްވައިފިއެވެ. މިފްސާއިން ވިދާޅުވީ، އޭނާއަކީ މާލީ ޚިދުމަތް ބަލަހައްޓާ އިދާރާތަކުގައި، އޮފްޝޯ މާލީ ޚިދުމަތްތަކުގެ ދާއިރާއިން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާއެއް ލިބިފައިވާ ބޭފުޅެއްކަމަށެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ މިފްސާއަކީ، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ) ތަރައްޤީކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދަވާފައިވާ އިދާރާއެކެވެ. މިއިދާރާގެ ސީއީއޯގެ މަޤާމަށް ދާތޯ އިސްކަންދަރު މުޙައްމަދު ނޫލީ ޢައްޔަންކުރައްވާފައިވާއިރު އޭނާއަކީ މާލީ ދާއިރާގައި ދިގު މުއްދަތެއްގެ ތަޖުރިބާއެއް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ. އެގޮތުން މެލޭޝިއާގެ މާލީ އިދާރާތަކުގައި އިސް މަޤާމުތަކެއް ވަނީ ފުރުއްވާފައެވެ.
1990 ވަނަ އަހަރު ބޭންކް ނެގާރާ މެލޭޝިއާއިން ވަޒީފާއަށް ނުކުމެވަޑައިގެން އޭގެފަހުން 1996 ވަނަ އަހަރު އުފެއްދި ލަބުއާން ފައިނޭންޝަލް ސަރވިސް އޮތޯރިޓީ އުފެއްދުމުގައި އިސްކޮށްވަނީ ހަރަކާތެރިވެފައެވެ. އަދި އެއިދާރާގެ އިސްމަޤާމުތަކެއްވަނީ ފުރުއްވާފައެވެ. ޖެނުއަރީ 2020 އިން ފެށިގެން ޖެނުއަރީ 2025 ގެ ނިޔަލަށް، ލަބުއާން އައިބީއެފްސީގެ އެގްޒެކެޓިވް ޗެއާމަންގެ މަޤާމުވަނީ އަދާކުރައްވާފައެވެ.
މިއަހަރުގެ ކުރީކޮޅު، ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން ފެށި އެމް.އައި.އެފް.ސީ. އަކީ، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދިވެހިރާއްޖޭގެ އިޤްތިސާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމަށްޓަކައި 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ ތާރީހީ މަޝްރޫއެކެވެ. މުޅިން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ފަރުމާކޮށްފައިވާ ފައިނޭންޝަލް ފްރީޒޯނެއްގެ ގޮތުގައި ފަރުމާކުރެވޭ އެމް.އައި.އެފް.ސީ.ގެ މަޤްސަދަކީ ދުނިޔޭގެ މާލީ އިދާރާތަކާއި، ފިންޓެކްގެ ދާއިރާއިން އީޖާދީ މަސައްކަތްކުރާ ފަރާތްތަކާއި، ވިޔަފާރިވެރިންނާއި، އަދި ޑިޖިޓަލް ދާއިރާގެ ހުނަރުވެރިން ރާއްޖެއަށް ގެނައުމެވެ.
މުސްތަޤުބަލަށް އަމާޒުކޮށްފައިވާ ގަވާއިދުތަކާއި، އިއާދަކުރުވަނިވި ހަކަތަ އާއި، ދިރިއުޅުމަށާއި، މަސައްކަތް ކުރުމަށާއި، އަދި މުނިފޫހިފިލުވުމަށް އެކަށޭނަ ފުރިހަމަ މާހައުލެއް ހިމެނޭ ގޮތަށް ފަރުމާކުރެވޭ އެމް.އައި.އެފް.ސީ. މެދުވެރިކޮށް މާލެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައިވާ އެންމެ ކުރިއަރާފައިވާ ބައިނަލްއަޤުވާމީ ވިޔަފާރީގެ އަދި މާލީ މަރުކަޒަށް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.