ޚަބަރު

މަނާ ކުރި ފަހުން 53000 އަށްވުރެ ގިނަ ވޭޕް ސާމާނު ހިފަހައްޓައިފި


  • ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރަން އުޅުމުގެ 176 މައްސަލައެއް ފާހަގަކުރެވިފައިވޭ

  • ވޭޕް އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާމެދު އަންނަނީ ފިޔަވަޅު އަޅަމުން

އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާ ކުރި ފަހުން، މިހާތަނަށް 53000އަށްވުރެ ގިނަ ވޭޕް ސާމާނު ހިފެހެއްޓި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިސްލާޙުގެނެސް މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެންވަނީ ޢަމަލުކުރަން ފަށާފައެވެ. މިއާއެކު މިފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މިޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

ކަސްޓަމްސް އިން ވިދާޅުވީ އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރެވުނު ފަހުން ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރަން އުޅުމުގެ 176 މައްސަލައެއް ކަސްޓަމްސްއަށް ފާހަގަކުރެވިފައިވާކަމަށެވެ. މިމައްސަލަތަކުގައި ވޭޕް ކުރުމަށް ބޭނުން ކުރާ 53،300 ތަކެތި ހިފެހެއްޓި ކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވިއެެވެ.

ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ޤާނޫނުގައިވަނީ ކަނޑައަޅާފައެވެ.

ޤާނޫނަށް ގެނައި އިސްލާޙާއެކު ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50000 ރުފިޔާގެ ޖޫރިމަނާއެއްކުރާނެކަމަށް ޤާނޫނުގައިވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން ޤާނޫނަށް ގެނައި ބަދަލުތަކާއެކު އެކަމަށް އާންމުން ހޭލުންތެރިވެ އެފަދަ ޤާނޫނީ ކުށްތަކަށް އަރައިނުގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ އިލްތިމާސްކުރައްވާފައެވެ.

ފުލުހުންގެ ޚިދުމަތުން ވަނީ ގާނޫނާ ޚިލާފުވާ ފަރާތްތަކަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް މެދުވެރިކޮށް ޖޫރިމަނާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައެވެ.