ދިގު މުއްދަތަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޒަމާނީ ދަނޑުވެރިކަމަކީ މުހިންމު ބިންގަލެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކ. ކާށިދޫގައި ކުރިޔަށް ގެންދިޔަ ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ދިވެހިރާއްޖެ މިވަނީ ބިމުގެ ދަތިކަމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ ނާޒުކުކަމާއި އަދި އިތުރުވަމުން އަންނަ އާބާދީގެ ބޭނުންތައް ފުއްދުމަށް ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިކަމަށެވެ. މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޒަމާނީ ހަރުދަނާ އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީތައް ހަލުވި ކަމާއިއެކު، ތަޢާރަފުކޮށް ބޭނުންކުރުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.
ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނާއި މުޚާތަބުކުރައްވައި ވަޒީރު ވިދާޅުވީ މިއީ ހަމައެކަނި ހުނަރުތައް އިތުރުކުރުމަށް ރާވާފައިވާ ޕްރޮގްރާމެއް ނޫންކަމަށެވެ. މިއީ ދަނޑުވެރިންގެ މުސްތަޤުބަލު ބައްޓަންކުރުމުގައި އިސް ދައުރެއް އަދާކުރާނެ ފަރާތްތަކެއްގެ ގޮތުގައި އީޖާދީ ޚިޔާލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ ވަސީލަތްތަކާއެކު ތައްޔާރުކުރުމަށް ރޭވިފައިވާ އިސްތިރާޖީ މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. މާރިޔާ ވިދާޅުވީ ޒަމާނީ ދަނޑުވެރިކަމަކީ ހަމައެކަނި އިޚްތިޔާރީ ކަމެއް ނޫންކަމަށާއި އެއީ ޤައުމީ ފެންވަރުގައި އިސްކަންދޭންޖެހޭ އަސާސީ ދާއިރާއެއްކަމަށެވެ. ދިގު މުއްދަތަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޒަމާނީ ދަނޑުވެރިކަމަކީ މުހިންމު ބިންގަލެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވެލިނުލައި ކުރާ ދަނޑުވެރިކަމާއި ޒަމާނީ ނިއުޓްރިއަންޓް މެނޭޖްމަންޓްގެ ދާއިރާގައި ޢަމަލީ ތަޖުރިބާ ލިބިފައިވުމަކ،ީ ރާއްޖެފަދަ ޖަޒީރާ ރަށްތަކަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ފަދަ އީޖާދީ ޓެކްނޮލޮޖީއެއްކަމަށާއި އަދި ދިރޭތަކެތި ބެލެހެއްޓުމުގެ ޢަމަލީ މަޢުލޫމާތު ލިބިފައިވުމަކ،ީ ބޭރުގެ އިމްޕޯޓަށް ބަރޯސާވުން މަދުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ.
ވަޒީރު ވިދާޅުވީ ތަމްރީނު ޕްރޮގްރާމްތަކުން ހާސިލްވާ ހުނަރުތަކަކީ ދިވެހިރާއްޖޭގެ ޤައުމީ އިޤްތިޞާދީ ލަނޑުދަނޑިތަކާ ގުޅިލާމެހިފައިވާ ކަންކަންކަމަށެވެ. މިހުނަރުތަކުގެ ސަބަބުނ،ް ފެސިލިޓީ ދަނޑުވެރިކަން ރޭވުންތެރިކަމާއެކު ފުޅާކުރުމަށާއ،ި ރާއްޖޭގެ ރުއްގަހާއި ކުކުޅުގެ ވެލިއު ޗެއިންތައް ހަރުދަނާކުރުމަށާއި މުޅި ޤައުމުގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރިއެރުވުމަށް މަގު ފަހިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ އިރުޝާދުގެ ދަށުން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ މިފަދަ ތަމްރީނު ޕްރޮގްރާމްތައް އިތުރަށް ފުޅާކޮށް ޒަމާނީ ފަންނުވެރިކަން ދަނޑުވެރިކަމުގެ ދާއިރާއަށް ތަޢާރަފްކުރުމަށް ހިތްވަރުދީ، އަދި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަސައްކަތް ފަށާފައިވާކަމަށް ވަޒީރު ޑރ.މަރިޔަމް މާރިޔާ ވިދާޅުވިއެވެ.