ސިއްޙީ ދާއިރާއިން މިހާރު ފަށާފައިވާ މަޝްރޫޢުތަކުގެ މަސައްކަތްތަކާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކާއެކު، ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ބޮޑުތަނުން މަތީ ފެންވަރަކަށް ގެންގޮސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިންސައްތައެއް ކަނޑައަޅާފައިވާ އެއް ދާއިރާއަކީ ސިއްޙީ ދާއިރާއެވެ.
ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެކި މަރުޙަލާތަކުގައި ޢުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތަކާއި، ވަޞީލަތްތައް ހަމަކުރުމުގެ އެކި މަސައްކަތް އަންނަނީ އެކި މަރުޙަޙަލާތަކުގައި ކުރައްވަމުންނެވެ.
މި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މުހިއްމު މަޝްރޫޢުތަކުގެ މަސައްކަތް ނިމިގެންދާއިރު ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ބޮޑުތަނުން މަތިވެގެންދާނެކަމަށެވެ.
"ކުރިއަށް އޮންނަ އަހަރަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ބަޖެޓުން ވަރަށް ގިނަ ޚިދުމަތްތައް، ސްޕެޝަލިޓީގެ ޚިދުމަތްތައް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ޤާއިމުކުރުމަށްވަނީ ހިމެނިފައި. އެކަންކަން ނިމިގެންދާއިރުގައި ދިވެހި ރައްޔިތުން ވަރަށް މަދުކަމެއްގައި ނޫނީ، ރާއްޖެއިން ބޭރަށް ޚިދުމަތް ހޯދާކަށް ދާކަށް ނުޖެހޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަންނަ އަހަރަށް ދައުލަތަށް ލަފާކުރާ ބަޖެޓުގައި އެންމެ ބޮޑު ޢަދަދެއް ކަނޑައަޅާފައިވާ އެއްދާއިރާއަކީ ސިއްޙީ ދާއިރާއެވެ.
މިގޮތުން މުޅި ސިއްޙީ ނިޒާމުގައި ހުރި ހުރިހާ މައްސަލައަށް ހައްލު ގެނައުމަށް އަންނަ އަހަރުގެ ބަޖެޓުގައިވަނީ 8.8 ބިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. ޕީއެސްއައިޕީ ނުވަތަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް 900 މިލިޔަނަށްވުރެ ބޮޑު ބަޖެޓެއްވެސްވަނީ ކަނޑައަޅާފައެވެ.
ސަރުކާރުން މިވޭތުވެދިޔަ 104 ހަފްތާގެ ތެރޭގައިވަނީ މާލެއާއި އަތޮޅުތަކުގައި ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ޢުމްރާނީ ބޮޑެތި މަޝްރޫޢުތަކެއް ފައްޓާވަފައެވެ. އެގޮތުން 5 ސަރަޙައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ސަރަޙައްދީ ފެންވަރުގައި ހޮސްޕިޓަލުތަކަށް އިތުރު ކުރިއެރުން ގެނެސް، ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށްވެސް އިތުރު ޢިމާރާތް ޤާއިމުކުރުމަށާއި ވަޞީލަތް ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.