ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރާއި އެއްކޮށް ރާއްޖޭގެ ހުރިހައި ސަރަޙައްދެއްގައި ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ހަފްތާ 104" ގެ ނަމުގައި ސަރުކާރަށް ދެ އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް އެންމެ މުހިއްމު އެއްކަމަކީ ފިޓްނަސް އެއްވަރެއްގައި ހިފެހެއްޓުންކަމަށެވެ. އެހެންކަމުން ރާއްޖޭގައި ޤާއިމުކުރަމުންދާ ފިޓްނެސް ސެންޓަރުތަކަކީ، ރާއްޖޭގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރަކަށް ވާނެކަމެއްކަމަށް ރައީސް ހާމަކުރެއްވިއެވެ.
"ފިޓްނަސްގެ ދާއިރާއަށްވެސް ސަމާލުކަންދީގެން މުޅި ރާއްޖޭގެ ހުރިހައި ރަށެއްގައި އެންމެ ރަށެއްވެސް ދޫނުކޮށް، ހުރިހައި ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމަށްޓަކައި ނިންމައި މިހާރު އެތައް ރަށެއްގައި ވަނީ ސޮއިކުރެވިފަ. އަންނަ އަހަރާ އެއްކޮށް ހުރިހައި ރަށެއްގައި ސެންޓަރުތައް ހަދާނަން" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ އަމާޒުގައި ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ޤާއިމުކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން ވަޢުދުފުޅެކެވެ. މި ވަޢުދާ އެއްގޮތަށް މި ސެންޓަރުތައް ބިނާކުރުމުގެ މަސައްކަތް ޢަމަލީ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ފަށާފައެވެ. މިސެންޓަރުތަކަކީ އިންޑޯ ކުޅިވަރުތަކާއި، އެކިކަހަލަ އިންޑޯ ގޭމް ކުޅެވޭގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. އަދި މިތަންތަނުގައި އެރޮބިކްސް ސްޓޫޑިއޯތަކާއި އިންޑޯ ޖިމްތައް ހުންނާނެއެވެ.
ރާއްޖޭގައި ޤާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވެ އެންމެން އެކުވެ މުނިފޫހި ފިލުވާލުމަށް މިމަރުކަޒުތައް ބޭނުންކުރެވޭނެއެވެ. މިތަންތަން ވާނީ ސިއްހީ ގޮތުން ދުޅަހެޔޮ އާބާދީއެއް ބިނާކުރެވި، އިޖުތިމާޢީ ގުޅުންތައް ވަރުގަދަކޮށްދޭނެ ބިނާތަކަކަށެވެ.