ޚަބަރު

ޚާރިޖީ ސިޔާސަތު ބިނާވެފައި އޮންނާނީ ދިވެހިންނަށް އިސްކަންދިނުމުގެ މައްޗަށް: ރައީސް


  • ޤައުމުތަކާ ގުޅުން ބަދަހިކުރުމުން އިންވެސްޓްމަންޓުގެ ފުރުޞަތު ފަހިވާނެ

  • މިހާތަނަށް އެއްވެސް ސަރުކާރަކުން އައްޔަން ނުކުރާވަރަށް ނޮން-ރެޒިޑެންޓް ސަފީރުން ވަނީ އައްޔަން ކޮށްފައި

ޚާރިޖީ ގުޅުން ގާއިމުކުރުމުގައި ދިވެހިންނަށް އިސްކަންދެވޭގޮތް އެއީ އަދުގެ ސަރުކާރަށް އެންމެ މުހިންމު ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް 2 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޚާރިޖީ ގުޅުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް ގެންގުޅުއްވާނީ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށެވެ. ޚާރިޖީ ގުޅުމުގެ ތެރެއިން ޤައުމަށް އެންމެ ރަނގަޅު ގޮތްވާނެ ސިޔާސަތުތައް ކަނޑައެޅުމަކީ ރައްޔިތުންވެސް އެދޭގޮތް ކަމަށާއި ސަރުކާރުން މިހާތަނަށް މަސައްކަތް ކުރައްވަމުން އައީ އެގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ދުނިޔޭގެ ގިނަ ޤައުމުތަކާއެކު ގާތް ގުޅުމެއް ބަދަހިކޮށްފައިވާ ކަމަށާއި އެގޮތުން، ޚާރިޖީ ގޮތުން މުހިންމު ޤައުމުތަކުގައި އެމްބަސީތައް ގާއިމުކޮށް، 27 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ނުވަތަ ޤައުމުތަކަށް ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ޚާރިޖިއްޔާގެ ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް ޤައުމުތަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރި ސަރުކާރު ކަމަށާއި މީގެ ސަބަބުން ޤައުމުތަކާ އޮތް ގުޅުން އިތުރަށް ބަދަހިވެ، ޤައުމަށް ފައިދާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ ސަބަބުން އިންވެސްޓްމަންޓުތައް ޤައުމަށް ލިބިގެންއެބަދޭ. އަޅުގަނޑުމެންގެ މިހާރު ތިބި ސަފީރުން އެހެން ޤައުމުތަކަށް ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި މީގެ ކުރިން އެއްވެސް އިރެއްގައި އައްޔަން ނުކުރެވޭވަރަށް އަޅުގަނޑު މިވަނީ އައްޔަންކޮށްފައި. އެއީ އެ ބޭނުމަކީ ސީދާ އެ ޤައުމަށް ޚާއްސަ ކުރެވިފައިހުރި ސަފީރެއް ހުރުމުން ލިބޭ ފައިދާ އެތައް ގުނައެއް ބޮޑުވެގެން އެބަދޭ. އެ ގުޅުން ބަދަހިކުރުމުން ލިބޭ އެތައް ބޮޑު ކުރިއެރުންތަކެއް އެބަހުރި،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޤައުމުތަކާ ގުޅުން ބަދަހިކުރެވި މި ދައުރުގެ ތެރޭގައި މިހާތަނަށް އިތުރު ޤައުމުތަކަށްވެސް ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.

ޚާރިޖީ ގުޅުން ބަދަހިކުރުމުގައި ރާއްޖޭން އެންމެ ބޮޑަށް އިސްކަމެއްދޭނީ ޢަރަބި އިސްލާމީ ޤައުމުތަކަށް ކަމަށާއި އޭގެ ތެރެއިންވެސް ސައުދިއަރަބިއްޔާއާއެކު އުފެދިފައިވަނީ ގާތް ގުޅުމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނީވެސް މި ގާތް ގުޅުމުގެ ސަބަބުން ކަމަށާއި މީގެ ސަބަބުން ޙައްޖަށްދާ ދިވެހިންނަށް އެތައް ލުއިތަކެއް ލިބިގެންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ.