ޚަބަރު

ރަޝިޔާއާ ހަނގުރާމަކުރަން ފަރަންސޭސިވިލާތުން ޔޫކްރެއިނަށް ޣަފަލް މަރުކާގެ 100 މަތިންދާބޯޓު ފޯރުކޮށްދޭން އެއްބަސްވެއްޖެ


ރަޝިޔާއާ ހަނގުރާމަކުރަން ފަރަންސޭސިވިލާތުން ޔޫކްރެއިނަށް "ޣަފަލް" މަރުކާގެ 100 ހަނގުރާމަތީ މަތިންދާބޯޓު ފޯރުކޮށްދޭން އެއްބަސްވެއްޖެއެވެ.

މި މަތިންދާބޯޓުތަކުގެ އިތުރުން، ވައިގެ ދިފާޢީ ނިޒާމުތަކާއި ހަތިޔާރާއި ވަޒަން އަދި ޑްރޯންތައްވެސް ފޯރުކޮށްދިނުމުގެ އެއްބަސްވާކަމުގެ ލިޔުމުގައި ޔޫކްރެއިންގެ ރައީސް ވްލޮޑިމީރް ޒެލެންސްކީ އާއި އިމެނުއެލް މެޚްރޮން ވަނީ ސޮއިކުރައްވައިފައެވެ.

ފަރަންސޭސިވިލާތުގެ އަސްކަރީ ވައިގެ ބަނދަރެއްގައި އެ ލިޔުމުގައި ސޮއިކުރެއްވުމަށްފަހު، މިއީ ދުނިޔޭގެ އެންމެ ވަރުގަދަ ދިފާޢީ ނިޒާމުގެ ގޮތުގައި ޒެލެންސްކީ ވަނީ ސިފަކުރައްވައިފައެވެ.

މި ލިޔުމުގައި ސޮއިކޮށްފައިމިވަނީ، ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާތައް ދިނުން ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އެއްގަމުންވެސް ރަޝިޔާގެ އަސްކަރީ ފައުޖުތައް ވަނީ ޔޫކްރެއިންގެ އިރުދެކުނު ސަރަޙައްދަށް ވަދެގަތުމުގެ މަސައްކަތް ވެސް ފުޅާކޮށްފައެވެ.

ފަރަންސޭސިވިލާތުގެ ވިސްނުމަކީ، އަސްކަރީ މި އާލަތްތައް، ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، އީޔޫގެ މާލީ އެހީތެރިކަމުގެ ތެރެއިން ޔޫކްރެއިނަށް ގަނެވޭނެ މަގުފަހިކޮށްދިނުމެވެ. މީގެއިތުރުން، ހުޅަނގުގެ ބާރުތަކުން ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައިވާ ރަޝިޔާގެ މުދަލާއި ފައިސާގެ ތެރެއިން މި އަސްކަރީ އާލަތްތައް ގަނެ، ޔޫކްރެއިނަށް ދިނުމަކީ ވެސް ގެންގުޅޭ ވިސްނުމެކެވެ. ނަމަވެސް، މިކަމަށް އަދި އީޔޫގެ ހުރިހާ ޤައުމަކުން އެއްބަސްވުމަކަށް އާދެވިފައެއްނުވެއެވެ.

އެ ރަސްމިއްޔާތުގައި މެޚްރޮން ވިދާޅުވީ، މިހާ ގިނަ އަދަދެއްގެ ހަނގުރާމަމަތީ މަތިންދާބޯޓު ޔޫކްރެއިނަށް ފޯރުކޮށްދިނުމުގެ ބޭނުމަކީ، ރަޝިޔާގެ ޢުދުވާނުތަކަށް ރައްދު ދިނުމުގެ ޤާބިލުކަން އިތުރުކުރުމާ އެކު މުސްތަޤުބަލުގައި ސުލްޙަ ޤާއިމުވުމަށްފަހުގައި ވެސް ޔޫކްރެއިންގެ ސަރަޙައްދުތަކުގެ ރައްކާތެރިކަން އަމިއްލައަށް ބެލެހެއްޓޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.

އިނގިރޭސިވިލާތާ އެކު ފަރަންސޭސިވިލާތުން ދަނީ، ރަޝިޔާ އާއެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވާލެވުމާ އެކު ޔޫކްރެއިންގެ ހުޅަނގުގެ ސަރަޙައްދީ ރޮނގު ބެލެހެއްޓުމަށްޓަކައި ވިލާތުގެ 30 ޤައުމެއްގެ އިއްތިޙާދެއް އުފައްދައި، ސިފައިން ފޮނުވުމުގެ އެއްބަސްވުމެއް އެކުލަވައިލުމަށް ބާރުއަޅަމުންނެވެ.