ޚަބަރު

މަދީނާއަށް ދަތުރުކުރި ބަހެއް އެކްސިޑެންޓުވެ އިންޑިޔާގެ 40އަށް ވުރެ ގިނަ އުމްރާވެރިން މަރުވެއްޖެ


މަދީނާއަށް އިންޑިއާގެ އުމްރާވެރިންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓުވެ 40 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

މައްކާއިން މަދީނާއަށް 46 މީހުން ގޮވައިގެން ދަތުރުކުރި ބަސް އެކްސިޑެންޓުވީ، ތެޔޮ އުފުލާ އުޅަނދެއްގައި ޖެހިގެންކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ޙާދިސާގައި މަރުވި މީހުންގެ އަދަދު އަދި ރަސްމީކޮށް ހާމަކޮށްފައިނުވިނަމަވެސް، އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ޙަވާލާދީ އިންޑިއާގެ ބައެއް މީޑިއާތަކުން ބުނީ، އެ ޙާދިސާގައި 45 މީހުން މަރުވެފައިވާކަމަށް ބެލެވޭ ކަމަށެވެ.

އަދި އެ ބަހުގައި ތިބީ ދެ އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށް އެ އޮފިޝަލް ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

މި ޙާދިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް، ޖިއްދާގައި ހުންނަ އިންޑިއާގެ ކޮންސިޔުލޭޓުގައި ވަނީ ޙާއްސަ ސެންޓަރެއް ޤާއިމުކޮށްފައެވެ.