ޚަބަރު

ނޯވޭ މޮޅުވިއިރު، އިޓަލީއަށް ޕްލޭއޮފް


ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުން 4-1 ގެ ނަތީޖާއަކުން ބަލިވެ، އިޓަލީއަށް ޕްލޭއޮފް ކުޅެން ޖެހިއްޖެއެވެ.

މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް މި ދެ ޓީމު ނިކުތްއިރުވެސް ކޮލިފައިންގެ ޖާގައެއް ނޯވޭއިން އޮތީ ޔަގީން ކޮށްފަ އެވެ. އެޓީމަށް އެ ފުރުސަތު ގެއްލެން އޮތީ އިޓަލީ އަތުން ނުވަ ގޯލުގެ ތަފާތަކުން ބަލިވެގެން ކަމަށްވާތީ މެޗަށް ނިކުތްއިރުވެސް އެއީ ވުމަށްވުރެ ނުވުން ކައިރި ކަމެއް ކަމަށް ގަބޫލުކުރެވުނެވެ.

ގްރޫޕް އައި ގައި ކުޅުނު މި މެޗުން ނޯވޭ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ އަށް މެޗުން ވެސް މޮޅުވެ ޖުމްލަ 24 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް އިޓަލީ އަށް އަށް މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.

މި މެޗުގެ 11 ވަނަ މިނިޓުގައި އިޓަލީގެ ޕިއޯ އެސްޕޮސީޓޯ ލަނޑެއް ޖަހާ އެ ޓީމުގެ އުންމީދުތައް އައު ކޮށްދިން ނަމަވެސް މި ލަނޑަށްފަހު ނޯވޭ އިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފަ އެވެ.

ނޯވޭ އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 63 ވަނަ މިނިޓުގައި އެންޓޯނިއޯ ނޫސާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގައި ނޯވޭ އިން ލީޑު ނަގާފައިވަނީ މެޗުގެ 78 ވަނަ މިނިޓުގައި އާލިން ހާލަންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ މިނިޓެއް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު ހާލަންޑް ވަނީ ކޮލިފައިންގެ އަށް މެޗުގައި ޖުމްލަ 16 ލަނޑު ޖަހާފަ އެވެ.

ނޯވޭ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ޖޯގެން ސްޓްރޭންޑް ލާސަން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ޖާގައެއް ނޯވޭ އިން ކަށަވަރުކޮށްފައިވާއިރު މިއީ ފާއިތުވެދިޔަ 28 އަހަރުގެ ތެރޭގައި އެ ގައުމު ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.