ކުޅިވަރު

ރެއާލްގެ ރައީސްކަން ޕެރޭޒް ދޫކޮށްނުލާނެ


ރެއާލް މެޑްރިޑުގެ ރައީސްގެ މަގާމު ފްލޮރެންޓީނޯ ޕެރޭޒް ދޫކޮށްނުލާނެ ކަމަށް ބުނެފިއެވެ. އުމުރުން މިހާރު 78 އަހަރުގެ ޕެރޭޒްގެ ފަރާތުން މިވާހަކަ ބުނަން ޖެހުނީ ކުލަބުގެ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން މަގާމު ދޫކޮށްލަން ޕެރޭޒް ވިސްނަމުންދާ ކަމަށް ސްޕޭނުގެ ނޫސްޔަކުން ބުނަން ފެށުމުންނެވެ.

"ކުލަބުގެ ރައީސް އަކީ ފްލޮރެންޓީނޯ ޕެރޭޒް. އެ މަނިކުފާނު މަގާމުގައި ދެމި ހުންނަވާނެ. ދައުރުގެ މެދުތެރެއިން ކުލަބާއި ސަޕޯޓަރުން ދޫކޮށްލައްވަން އެ މަނިކުފާނު ބޭނުންފުޅެއް ނުވޭ،" ޕެރޭޒްގެ ފަރާތުން ނެރުނު ނޫސްބަޔާނުގައިވެ އެވެ.

ޕެރޭޒް ރެއާލްގެ ރައީސް ކަމަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ 200 ވަނަ އަހަރު އެވެ. އޭގެ ފަހުން 2004 ވަނަ އަހަރު އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ދައުރުގެ މެދުތެރެއިން މަގާމު ދޫކޮށްލެއްވި އެވެ. އޭގެ ފަހުން އަލުން އެނާ ރައީސް ކަމަށް ވަޑައިގަތީ 2009 ވަނަ އަހަރު ގިނިކަންޏާ އެވެ. އޭގެ ފަހުން ރެއާލްގެ ރައީސްކަމުގައި ވާދަވެރިއަކު ނެތި ޕެރޭޒް ހުންނަވާއިރު ދުނިޔޭގެ އެންމެ މުއްސަނދި ކުލަބަކީ އޭނާގެ ކުލަބެވެ. އަދި ރެއާލް ވަނީ އޭނާގެ ވެރިކަމުގައި ގިނަ އަދަދެއްގެ ތަށި ތައް ވެސް ކާމިޔާބުކޮށްފަ އެވެ.

މިވަގުތު ކުލަބުގެ އެތެރޭގައި ހިޔާލު ތަފާތުވުން އުފެދިގެން އުޅެނީ ކުލަބު ހިންގުމުގެ ނިޒާމް ބަދަލުކުރަން އޭނާ ބޭނުންފުޅުވުމުންނެވެ. ޕެރޭޒް ބޭނުންވަނީ ރެއާލް މެޑްރިޑް ކުންފުންޏަކަށް ބަދަލު ކުރުމަށެވެ. މީގެ ބޭނުނަމީ މިހާރަށްވުރެ ގިނަ ފައިސާ ހޯދުމާއި އެ ކުލަބުގެ ސްޓޭޑިއަމް އަލުން ބިނާ ކުރުމުން ދަރަނީގެ ގޮތުގައި ދައްކަންޖެހެ ފައިސާ ހޯދުމެވެ. ނަމަވެސް ނައިބް ރައީސް ކަމުގައި ހުރި އޭނާގެ ކޮއްކޮ ވެސް ހިމެނޭ ގޮތަށް ބޯޑުގެ ބައެއް މެމްބަރުން ތާއީދު ކުރަނީ ރެއާލް މެޑްރިޑް 100 ޕަސެންޓް މެމްބަރުންގެ ކުލަބެއްގެ ގޮތުގައި ބޭއްވުމަށެވެ.

ނަމަވެސް ޕެރޭޒް ދެކޭ ގޮތުގައި މިއީ ދުނިޔޭގެ އެހެން ވާދަވެރި ކުލަބުތައް ހިންގާ މޮޑެލް އަށް ބަލާއިރު ތާއަބަދު އެންމެ ކާމިޔާބު ކުލަބުގެ ގޮތުގައި ދެމިއޮތުމަށް ހުރަސް އެޅޭނެ ކަމެކެވެ.