ޚަބަރު

ހަފުތާ 104: ލާމަރުކަޒީ ނިޒާމު "ޗެމްޕިއަން" ކުރުމުގައި ނަތީޖާ ނެރުނު 2 އަހަރު


  • ރިކޯޑް މުއްދަތެއްގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލުކުރެއްވި

  • ކައުންސިލްތަކުގެ އައު އިމާރާތްތައް ތަރައްޤީކުރުމުގެ ގިނަ މަސައްކަތްތަކެއް

  • އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ޤާނޫނަށް އިސްލާޙުތަކެއް

މަރުކަޒުވެފައި ހުރި ބާރުތައް ޑިމޮކްރަސީގެ ރީތި ހަމަތަކުގެ ތެރެއިން ރައްޔިތުންގެ އަތްމައްޗަށް ދޫކުރުމުގެ މަގުސަދުގައި ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފު ކުރެވުނުތާ 15 އަހަރުވިއިރު އަދިވެސް މި ނިޒާމު ފައްކާކުރުމަށް ކުރަންޖެހޭ ގިނަ ކަންކަން އެބަހުއްޓެވެ. އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރަކީ މި ދައުރުގެ ތެރޭގައި މި ނިޒާމު "ޗެމްޕިއަން" ކުރުމެވެ.

ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމުގެ ޢަޒުމުގައި ވެރިކަމާ ހަވާލުވެވަޑައިގެން، ކައުންސިލްތަކާއި ސީދާ ސަރުކާރާއި ގުޅުވައިދިނުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއެއް އުފެއްދެވިއެވެ. މި ވުޒާރާ އެމަނިކުފާނު އުފެއްދެވީ ލާމަރުކަޒީ ނިޒާމުގެ ދެކޮޅުވެސް އަމިއްލަފުޅަށް ތަޖުރިބާ ކުރައްވައި އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ހުންނެވިކަން އެނގިވަޑައިގެންނެވެ.

ވެރިކަމުގެ ފުރަތަމަ އަހަރުވެސް ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރެއްވުމަށް ރައްޔިތުން ކައިރިއަށް ވަޑައިގެން ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނު ވަނީ އަޑުއައްސަވާފައެވެ. އަދި ވަގުތުން ގެންނަންޖެހޭ ބަދަލުތައް ވަނީ ގެންނަވާފައެވެ.

ޤާނޫނަށް މުހިންމު އިސްލާހުތަކެއް!

މިއަހަރުގެ ތެރޭގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެންނަވާފައެވެ.

މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ޤާނޫނުގައި ކަނޑައެޅުމަށާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި ޢަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖަޢާކުރުމާއި، ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމަށް ގެންނެވި މުހިންމު އިސްލާހުތަކެކެވެ.

މިއީ ލާމަރުކަޒީ ނިޒާމު އެންމެ ހަރުދަނާ ގޮތެއްގައި ތަންފީޒުކޮށް، އެ ނިޒާމުގެ ހަޤީގީ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށް ރައީސުލްޖުމްޙޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ހާމަވާ ކަމެއް ކަމަށް ރަށްރަށުގެ ކައުންސިލުތަކުންވެސް ގަބޫލުކުރެއެވެ.

އެގޮތުން، ލާމަރުކަޒީ ނިޒާމު އައިފަހުން ރަށު ކައުންސިލްގެ ރައީސެއްގެ މަގާމުގައި އެންމެ ގިނަ ދުވަސްވީ އެއް ބޭފުޅެއް ކަމަށްވާ ބިލެތްފަހި ކައުންސިލްގެ ރައީސް ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ ރައްޔިތުންނާއި މިހާގާތުން ވެރިއަކު ކަންކަން ކުރައްވާނެ މަންޒަރު ފެންނާނެކަމަށް ދުވަހަކުވެސް އުއްމީދުނުކުރައްވާކަމަށެވެ. ނަމަވެސް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ފެނިވަޑައިގަންނަވަނީ ތަފާތު މަންޒަރެއް ކަމަށާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ތަފްސީލުކޮށް ރައީސްއާ ހިއްސާކުރައްވަން ފުރުސަތު ލިބިވަޑައިގަންނަވާ ކަމަށް ޢަބްދުﷲ ޒިޔާދު ވިދާޅުވިއެވެ.

ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ހަގީގީ މާނައިގައި ބާރުވެރިކުރުވުން!

ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ހަރުދަނާ ކުރެވޭނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ނައްތާލައި ފުރުސަތުތައް ފަހިކޮށްދީގެންނެވެ.

މިގޮތުން ގިނަ ކައުންސިލްތަކުގައި މަސައްކަތް ކުރާނެ އެކަށީގެންވާ ޖާގަނެތުމާއި ބަޖެޓުގެ ދަތިކަމުގެ ވާހަކަތަކަކީ އެކި ސަރުކާރުތަކުގައި ކައުންސިލްތަކުން އެދެމުން އަންނަ ކަންތައްތަކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި، ކައުންސިލްތަކުގެ އަޑުއައްސަވައި 55 ކައުންސިލެއްގެ އައު އިމާރާތްތައް އެޅުމަށް މިހާރު ވަނީ މަސައްކަތްތައް ފަށާފައެވެ.

ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމުގެ ގޮތުން އަތޮޅު ކައުންސިލްތައް އުވާލެއްވުމަށް ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް އިސްލާހުތައް ވަނީ ހުށަހަޅުއްވާފައެވެ. އަތޮޅު ކައުންސިލްތައް އުވާލައި އެ ކައުންސިލްތަކަށް ދޭ ފައިސާ ރަށްރަށުގެ ކައުންސިލްތަކަށް ބަހާލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި ފައިސާ ޖަމާކުރާނީ ރައްޔިތުންގެ ތެރެއިން އެހީތެރިކަން ބޭނުންވާ ފާރަތްތަކަށް އެ ފައިސާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ލާޒިމް ކުރާ އުޞޫލުންނެވެ.

ކައުންސިލްތަކާ އެއްވަރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބާރުވެރިކުރުވުމަށްވެސް ސަރުކާރުން މިއަހަރު ތެރޭގައި ގިނަ ބަދަލުތަކެއް ވަނީ ގެންނަވާފައެވެ.

މިއަހަރު ފުރަތަމަ ފަހަރަށް އެ ކޮމިޓީގެ މެންބަރުންނަށް ރޯދަ އެލަވެންސްވެސް ދޭން މިހާރު ވަނީ ފަށާފައެވެ. އަދި ދެމެހެއްޓެނިވިގޮތެއްގައި އަންނަ އަހަރުން ފެށިގެން ރަމަޟާން މަހު ރޯދަ އެލަވެންސް ކައުންސިލް ބަޖެޓުން އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ލިބޭނެ ގޮތާއި ކޮމިޓީގެ ބަޖެޓު %10 އަށް ބޮޑުކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަކީ މިހާތަނަށް ޕާޓް ޓައިމްކޮށް މަސައްކަތް ކުރިބަޔަކަށްވީ ނަމަވެސް ކުރިއަށް އޮތްތަނުގައި އެ ކޮމިޓީތަކުގެ ރައީސުންނަކީ ފުލް ޓައިމް މަސައްކަތް ކުރާ ބަޔަކަށް ހެދުމަށާއި ކޮމިޓީތަކުގެ ރައީސުންވެސް ކައުންސިލްތަކުގެ ރައީސުން އިންތިޚާބުކުރާ ގޮތަށް ބަދަލު ގެނައުމަށް މިހާރު ވަނީ ހުށަހަޅުއްވާފައެވެ.

މަރުކަޒު ކުރެވިފައިވާ ބާރުތައް ލާމަރުކަޒު ކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޚާއްސަ ޤާނޫނެއް އެކުލަވާލައި، ވޯޓު ވަނީ ނަގާފައެވެ.

އެގޮތުން، އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާގޮތާ ގުޅޭގޮތުން އެ އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އިޖާބަދެއްވައި އެ ރަށްތަކުގެ ޖުމްލަ ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް މިއަހަރުގެ އޮކްޓޫބަރު މަހުގެ 25ވަނަ ދުވަހު ވަނީ ނަގާފައެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުން އޭގެ ފައިދާ ވާނީ ރައްޔިތުންނަށެވެ. ރައްޔިތުން ބޭނުންވާ ކުރިއެރުން ޙަގީގީ މާނާގައި ލިބިގެންދާނީ މި ނިޒާމު އިތުރަށް ފުރިހަމަ ކުރެވިގެންނެވެ. އަދުގެ ސަރުކާރުގެ އަމާޒަކީ މި ނިޒާމު ފައްކާކޮށް، "ޗެމްޕިއަން" ކުރުމެވެ.