ކުޅިވަރު

މެސީ ބާސެލޯނާގެ ދަނޑަށް، މިއީ ސިޔާސީ ކަމަކަށް ވެދާނެތަ؟


މި ހަފުތާގައި ދުނިޔޭގެ މީޑިއާތައް ގުގުމާލީ ބާސެލޯނާގެ ކުރީގެ ކެޕްޓަން ލަޔޮނަލް މެސީ މީގެ ހަތަރު އަހަރުން ކުރިން އެ ކުލަބު ދޫކޮށްލި ފަހުން ކުއްލި ގޮތަކަށް ބާސެލޯނާގެ ދަނޑަށް ގޮސް ނެގި ފޮޓޯތަކުންނެވެ.

މިހާރު އަލުން ބިނާ ކުރަމުންދާ ކޭމްޕް ނޯ އަށް މެސީ ވަނީ ކުލަބުގެ އެއްވެސް މީހަކަށް ނޭނގި އެވެ. އޭނާގެ ރޭގަނޑުގެ ކެއުމަށް ފަހު އާޖެންޓީނާގެ ކުޅުންތެރިޔާ ޑިޕައުލްއާއެކު ކާރުގައި ދަމުން ސްޓޭޑިއަމް ބަލާލަން ވަނީ އެވެ. އެއަށްފަހު ނެގި ފޮޓޯތައް ސޯޝަލް މީޑިއާ އަށް ދޫކޮށްލީ ޖަޒުބާތީ މެސެޖްތަކަކާއެކުގަ އެވެ. މެސީ ބުނެފައިވަނީ ދަނޑުގެ ވަށައިގެންވާ ކޮންމެ ތަނެއްގައި ވެސް އަހަރެންގެ ހަނދާންތަކެއްވާ ކަމަށާއި ކޮންމެވެސް ދުވަހަކުން އެނބުރި އައުމަށް އެދިގެން ހުރި ކަމަށެވެ.

ބާސެލޯނާގެ ބޯޑުގެ ބައެއް މެމްބަރުން މިކަން ގުޅުވަނީ ސިޔާސީ ކަމަކާ އެވެ. ކީއްވެ ހެއްޔެވެ؟

ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ މެސީ ބާސެލޯނާއިން ދާން ޖެހުނީ ކުއްލި ގޮތަކަށެވެ. އެ ކުލަބުގެ މާލީ ހާލަތު ހުރި ގޮތުން އޭނާގެ ކޮންޓްރެކްޓް ސްޕެނިޝް ލީގުން ރަޖިސްޓަރީ ކޮށްނުދިނުމުންނެވެ. ނަމަވެސް މިކަމުގެ ޒިންމާ މެސީ އާއި އޭނާގެ އާއިލާގެ އިތުރުން ބާސެލޯނާ އަށް ޝައުގުވެރިވާ ގިނަ ބަޔަކު އަޅުވަނީ ކުލަބުގެ ރައީސް ޖޯން ލަޕޯޓާގެ އިސްތަށިފުޅުގަ އެވެ. ލަޕޯޓާ 2021 ވަނަ އަހަރު ދެ ވަނަ ފަހަރަށް ރައީސް ކަމަށް ވަޑައިގަތީ މެސީ ކުލަބުގައި ބަހައްޓާނެ ކަމުގެ ވައުދާއެކުގަ އެވެ.

ބާސެލޯނާގެ އައު އިންތިހާބު އޮންނާނީ އަންނަ އަހަރު އެވެ. ކުލަބުގެ ބޯޑުގެ ބައެއް މެމްބަރުން ދެކޭ ގޮތުގައި މެސީގެ ޒިޔާރަތަކީ ލަޕޯޓާއާ ދެކޮޅަށް މަސައްކަތް ކުރާ އަދި ރައީސް ކަމަށް ވާދަކުރާނެ ބައެއް ކެނޑިޑޭޓުން ގުޅިގެން ހިންގި ކަމަކަށް ވެދާނެ ކަމަށެވެ. ހާއްސަކޮށް އެންމެ ފަހުގެ އިންތިހާބުގައި ލަޕޯޓާއާ އެންމެ ބޮޑަށް ވާދަކުރި ވިކްޓަރ ފޮންޓް މިކަމުގެ އަޑީގައި ހުރުން އެކަށީގެންވާ ކަމަށް އެ މީހުން ދެކެ އެވެ. ބޭނުމަކީ ލަޕޯޓާ އާއި މެސީގެ ގުޅުން ގޯސް ކަމަށް ދެއްކުމެވެ.

ފޮންޓް މިހާރު ވެސް ގެންދަވަނީ ލަޕޯޓާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މެސީގެ ޒިޔާތަކާއެކު މިހާރު އެންމެ ބޮޑަށް ދެކެވޭ ވާހަކަ އަކީ އޭނާ އަލުން ބާސެލޯނާ އަށް އަތުވެދާނެ ކަމުގެ ވާހަކަ އެވެ. ނަމަވެސް ލަޕޯޓާ ވިދާޅުވީ ހަގީގަތަށް ނުވެދާނެ ކަމެއްގެ ވާހަކަ މެސީއާ ގުޅުވައިގެން ދެއްކުން ރަނގަޅު ނޫން ކަމަށެވެ.

"އަހަރެން ދެރައެއް ނުވޭ މެސީ މި ކުލަބުން ދާން ޖެހުމުން. އެއީ އެއްވެސް މީހަކު ބޭނުންވި ކަމެއްނޫން. އެކަމަކު އަހަރެން އެކަމާ ދެރަ ނުވަނީ އެއްވެސް މީހަކު ކުލަބަށްވުރެ ބޮޑެއް ނުވާނެ. މިކަމުގެ ސަބަބުން އަހަރެންނާއި އޭނާގެ ގުޅުން ގޯސްވި. އެކަމަކު މިހާރު އެކަން ވަނީ ވަރަށް ބޮޑަށް ރަނގަޅު ވެފައި. އަހަރުމެންނަށް މެސީ އަށް ދެވޭނެ އެންމެ ބޮޑު އުފަލަކަށްވާނީ ދުނިޔޭގެ އެންމެ ވަރުގަދަ ލެޖެންޑްގެ ގޮތުގައި އޭނާގެ ވަދާއީ މެޗު މި ދަނޑުގައި ބާއްވައިދިނުން. އަހަރެންގެ ރައީސް ކަމުގައި ހުރެފިނަމަ ސްޓޭޑިއަމް އެއްކޮށް ނިމުމުން އެކަން ކުރާނަން،" ލަޕޯޓާ ވިދާޅުވި އެވެ.

ބާސެލޯނާގެ ސްޓޭޑިއަމް ނިމޭނީ އަންނަ އަހަރު އެވެ. ލަޕޯޓާ ރާވަން ގަސްތުކުރާ 105000 ސަޕޯޓަރުން ވަދެ ތިބޭނެ މި މެޗު ކުޅެން މެސީ ވެސް ހުރީ ތައްޔާރަށެވެ.