ޚަބަރު

އަބުރު ރައްކާތެރިކުރުމަކީ ތަހުޒީބު މުޖުތަމަޢަކަށް މުހިއްމު ކަމެއް


އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނު ވުޖޫދަށް އައުމަކީ ތަހުޒީބީ މުޖުތަމަޢަކަށް ވާޞިލްވުމަށް ދައުލަތުގެ ބާރުތަކުން ކުރައްވާ މަސައްކަތްޕުޅަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްޙާމް އަޙްމަދު ވިދާޅުވެއްޖެއެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގައި، ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތެއްގެ އަސާސީ ޙައްޤެއްގެ ގޮތުގައި ބަޔާންކޮށްފައިވާ، އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ކަށަވަރުކޮށްދެއެވެ. އެމީހަކު މުޖުތަމަޢުގައި އަދާކުރާ ޙައިޞިއްޔަތަކަށް ބެލުމެއްނެތި، މުޅި މުޖުތަމަޢުގެ އެންމެހާ ފަރުދުންގެ އަބުރާއި ކަރާމާތަކީ، ދިވެހިރާއްޖޭގެ ދުސްތޫރުން ރައްކާތެރިކޮށްދޭ އެއްޗެއްކަން މިޤާނޫނު ކަށަވަރުކޮށްދެއެވެ. މިއީ އިޖްތިމާޢީ އެތައް މައްސަލައަކަށް ލިބިގެންދާނެ ދެމެހެއްޓެނިވި ޙައްލެކެވެ.

ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދު ވިދާޅުވީ އަބުރު ރައްކާތެރިކޮށްދިނުމާބެހޭ ޤާނޫނު ތަންފީޒު ކުރައްވަން ފެއްޓެވުމަކީ އިޖްތިމާޢީ ގޮތުން ދުޅަހެޔޮ، ތަހުޒީބު މުޖުތަމަޢަކަށް ޢަމާޒު ހިއްޕަވައި ދައުލަތުގެ ބާރުތަކުން ކުރައްވާ މަސައްކަތަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ. މިޤާނޫނާއެކު އިޖްތިމާޢީ އެތައް މައްސަލަތަކަކަށް ޙައްލު ލިބިގެންދާނެ ކަމަށް ކަމުވޮށިގެންވާ އެތައްބަޔަކު ވިދާޅުވާ ވިދާޅުވުން އިލްޙާމް ތަކުރާރު ކުރެއްވިއެވެ.

"މިއަދު ސިޔާސީ މީހުންނަށްވެސް އެބަ މަޖުބޫރުވޭ އޮންނަ އިމުގެ ތެރެއިން ވާހަކަދައްކަން. ސިޔާސީ މީހުންނަށްވެސް އެބަ މަޖުބޫރުވޭ މިޤާނޫނުއަށް އިޙްތިރާމްކުރަން. ޤާނޫނުގައި ވާ ކަންކަމަށް މީޑިއާތަކުން ދަނީ ތަބާވަމުން. ޑިސިޕްލިން ސޮސައިޓީއެއް އުފެއްދުމަށްޓަކައި އަބުރު ރައްކާތެރިކުރުމަކީ އެންމެ މުހިންމު އެއް ކަންތައް." ދަނގެތި ދާއިރާގެ މެމްބަރު އިލްޙާމް އަޙްމަދު ވިދާޅުވިއެވެ.

އިލްޙާމް ވިދާޅުވީ ރާއްޖޭގެ ނަން ކިލަނބުވާގޮތަށް އަދި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާގޮތަށް އިދިކޮޅު ފަރާތްތަކުން ބޭރުގެ އެކި ޤައުމުތަކުގައި ތިއްބަވައި، ބޭރުގެ މީޑިއާތައް މެދުވެރިކުރައްވައި، ފަތުރާ ޒިންމާދާރުކަން ކުޑަ މަޢުލޫމާތުތަކަށް މިޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށާއި، ޤައުމަށް ހެޔޮއެދޭ އެއްވެސް ފަރާތަކުން އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް އިލްޙާމް ވިދާޅުވިއެވެ.

"ޤައުމަށް ނޭދެވޭ އެއްވެސް ވާޙަކައެއް ދެއްކުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި މިޤާނޫނުގައި ބަޔާންކޮށްފައިވާނެ. އަޅުގަނޑު ޤަބޫލުކުރާހިތް އޮތީ ސަރުކާރުން ކަންކަން ކުރައްވާ ގޮތަށް ބަލާއިރު މިފަދަ ކަންކަމުގައި ސަރުކާރުން ފިޔަވަޅު އަޅުއްވާނެ. ޤައުމުން ބޭރުގައި ތިއްބަސް އަބަދު ފިލައިގެން ނޫޅެވޭނެ އެއްވެސް ފަރާތަކަށް. ޤާނޫނު އެމީހުންނާ އަރާ ހަމަކުރާނެ." މެމްބަރު އިލްޙާމް އަޙްމަދު ވިދާޅުވިއެވެ.

އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނަކީ އިދިކޮޅު ފަރާތްތަކާއި މީޑިއާތައް އިތުރަށް ޒިންމާދާރުވުމަށް ލިބިގެންދިޔަ އިތުރު ފުރުޞަތެއް ކަމަށާއި، މިއީ ކޮންމެ ރައްޔިތަކަށް ލިބިގެންދިޔަ ރައްކާތެރިކަމެއް ކަމަށްވެސް އިލްޙާމް އަޙްމަދު ވިދާޅުވިއެވެ.