ޚަބަރު

ސަރުކާރަށް ދެ އަަހަރު ފުރުން ފާހަގަކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއިލީ ހަވީރެއް!


  • މިއާއިލީ ހަވީރު ކުރިއަށްގެންގޮސްފައިވަނީ މިއަދު ހަވީރު 4 އިން 6 އަށް

  • މިހަވީރުގައި ވުޒާރާގެ ޑިޕާޓްމެންޓްތަކުގެ ސްޓޯލްތައް ވަނީ ބަހައްޓާފައި

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ހުޅުމާލޭގައި އާއިލީ ހަވީރެއް ބާއްވައިފިއެވެ. މި އާއިލީ ހަވީރު ކުރިއަށްގެންގޮސްފައިވަނީ މިއަދު ހަވީރު 4 އިން 6 އަށެވެ.

މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ދެ އަހަރުގެ ދައުރުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، އެކަންކަން އާއްމުންނަށް ހާމަކުރުމެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، މި ހަވީރަކީ ވުޒާރާގެ ކާމިޔާބީތައް ފާހަގަކުރުމުގެ އިތުރުން، އާއިލާތަކަށް އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންގޮސްފައިވާ ހަވީރެއް ކަމަށެވެ.

މީގެ އިތުރުން، މަޖާ ގޭމުތަކަކާއެކު ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ ފުރުޞަތު މި ހަރަކާތުގެ ތެރެއިން ބައިވެރިންނަށް ލިބިގެންދާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"ސަރުކާރަށް 104 ހަފްތާ ފުރުން ފާހަގަކުރުމަށް އަޅުގަނޑުމެންގެ ވުޒާރާއިން މި ކުރިއަށްގެންދަނީ އައިލީ ހަވީރެއް. މި ހަވީރަށް ވަޑައިގަންނަވާ ހުރިހާ ފަރާތަަކަށްވެސް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތައް، ވަކިވަކި ޑިޕާޓްމެންޓުތަކުން ކުރަމުންދާ މަސައްކަތްތައް ދީފައިވާނެ. މިސާލަކަށް ވޭސްޓް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކުރަމުންދާ މަސައްކަތްތައް މި ހަރަކާތުގެ ތެރެއިން ދައްކާލާފައިވާނެ." ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.

ހުޅުމާލޭ ޗެނަލް ޕާކު ސަރަޙައްދުގައި ބޭއްވި މި ހަވީރުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ޑިޕާޓްމެންޓްތަކުގެ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ. މި ސްޓޯލްތަކުން އެކި ޑިޕާޓްމެންޓުތަކުން ކުރަމުންދާ މަސައްކަތްތައް ވަނީ ދައްކާލާފައެވެ. އަދި މީގެ އިތުރުން، އެކި އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން އެކި ކުޅިވަރުތައްވެސް މި ސްޓޯލްތަކުގައި ހިންގާފައިވެއެވެ.

ކުޑަކުދިންނަށް ވަރަށް ގަޔާވާނެ ގޮތަކަށް ސްޓޯލްތައް ހުރުމާއެކު، މި ހަރަކާތްތަކަކީ ވަރަށް މަޖާ ހަރަކާތްތަކެއް ކަމަށް ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ބައެއް ކުދިން ވަނީ ބުނެފައެވެ.

މި އާއިލީ ހަވީރުން ސަރުކާރުގެ ކާމިޔާބީތައް ފާހަގަކުރުމުގެ އިތުރުން، އާއްމުންނާ ގުޅުން ބަދަހިކުރުމަށް މަސައްކަތްކޮށްފައިވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި ހަވީރުން އާންމުން ހޭލުންތެރިކުރުވުމަށް، ވަކިން ހާއްސަކޮށް ކުޑަކުދިން ހޭލުންތެރިކުރުވުމަށް މަސައްކަތްކޮށްފައިވާނެ ކަމަށްވެސް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ފާހަގަކުރެއެެވެ.