ޚަބަރު

އަންހެން ކުދިންނަށް ފަސްޓް ލޭޑީ ސާޖިދާ ގޮވާލެއްވީ ފަސްނުޖެހި ކެރިގެން ކަންކަމާ ކުރިމަތިލުމަށް!


  • މުޖުތަމަޢުގައި އަންހެން ކުދިންނަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް އެކުގައި މަސައްކަތް ކުރުމަށް ގޮވާލެއްވި

  • ގައިޑުންނަކީ ކަންކަމުގައި ނަމޫނާ ދައްކާ ބަޔަކަށްވުމަށްވެސް ރައީސްގެ އަނބިކަނބަލުން އިލްތިމާސްކުރެއްވި

އަންހެން ކުދިންނަކީ މުޖުތަމަޢުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށާއި، ކަންކަމުގައި ކެރިގެން ފަސްނުޖެހި ކުރިމަތިލާ ބަޔަކަށް އަންހެން ކުދިންވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ދިވެހިރާއްޖޭގެ ޗީފް ގައިޑް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހިނގާލުން ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލު އަދި ދިވެހިރާއްޖޭގެ ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ވަނީ އަންހެން ކުދިންގެ އަޑު އެހެން މީހުންނަށް އިއްވުމަށްޓާ ބޭއްވޭ މިފަދަ މުހިންމު ހަރަކާތެއްގައި ގިނަ އަދަދެއްގެ އަންހެން ކުދިން ބައިވެރިވާކަމީ ލިބޭ އުފަލެއްކަމަށް ވިދާޅުވެފައެވެ. އަދި މިއީ އަންހެން ކުދިންގެ މުހިންމުކަމާއި، އަންހެންކުދިންނަށް ހުރި ގޮންޖެހުންތަކަކީ ކޮބައިކަމާއި އަންހެން ކުދިން ލީޑްކުރާނީ ކިހިނެއްކަން އެކުދިންގެ ތަފާތު ޝުޢޫރުތަކުން ބުނެދޭ މުހިންމު ހަރަކާތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"ތިޔަ ކުދިން މިއަދު ތި ހިނގާލާ ހިނގާލުމަކީ ބަޔަކަށް މެސެޖެއް ދިނުމަށްޓަކާ އަންހެން ކުދިންނަކީ ފަހަތުގައި ހަމައެކަނި އެހެން މީހުން މަގުދެއްކީމަ ހިނގަން ތިބި ބައެއްނޫންކަން ބުނެދޭން. އަންހެން ކުދިންނަކީ އެހެންމީހުންނަށް މަގު ދައްކައިގެން އެހެން މީހުން ގޮވައިގެން ހިނގާނެ ބައެއްކަން ދައްކަން." ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ، އަންހެން ކުދިން ކުޑައިރު ދައްކާ ލީޑަރޝިޕްގެ އަޑު، ދިރިއުޅުމުގެ ވަކި ހިސާބަކުން މަޑުވާކަމީ ހިތާމަކުރާކަމެއްކަމަށެވެ. އެހެންކަމުން އެކަން ބަދަލުކުރުމަށްޓަކާ ފަސްނުޖެހި ކުރިއަށް ނިކުންނާނެ ބަޔަކަށް ވުމަށް ހުރިހާ އަންހެން ކުދިންނަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.

"ރާއްޖޭގެ ހުރިހާ އަންހެން ކުދިންނަށްވެސް އަޅުގަނޑު ގޮވާލަން ނިކުންނާށޭ، ކެރިގެން ހުރިހާ ކުދިންވެސް ނިކުންނާށޭ. ފަހަތަށް ނުޖެހޭށޭ. އަންހެން ކުއްޖަކަށްވީތީވެ ނިކުމެ އެހެންމީހުންނަށް ނަމޫނާއަކަށްވެ އެހެން މީހުން ލީޑްކުރާ ބައެއްގެ ގޮތުގައި. އަންހެންނަކަށްވީތީވެ ފަހަތަކަށް ނުޖެހޭނެކަން، އަންހެން ކުއްޖަކަށްވީތީ، އަންހެން ކުދިންގެވެސް އަޑު އެބަހުރިކަން، އަންހެން ކުދިންގެ ލީޑަރޝިޕްގައި ތަފާތުތައް ނައްތާލަންޖެހޭކަން. އެހެންވީމަ ނިކުމެ މިއަދު ތިޔަ ކުދިން ހިނގާލާ ފަދައިން ދިރިއުޅުމުގެ އެންމެ މައްޗަށްދާއިރުވެސް ތިޔަ ކުދިން ލީޑަރޝިޕް ދެއްކުމަށް." ރައީސްގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވިއެވެ.

ދުނިޔޭގެ އަންހެން ކުދިންގެ ދުވަހުގެ މިއަހަރުގެ ޝިއާރަށް އިޝާރަތް ކުރައްވާ ރައީސްގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ، ގަރލް ގައިޑް ހަރަކާތަކީ އަންހެން ކުދިންނަށް ޚާއްސަކޮށްގެން ހިންގޭ ހަރަކާތަކަށްވާއިރު ކާރިސާއެއް ނުވަތަ ޙާދިސާއެއް ދިމާވާ ހާލަތުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ އެއްބަޔަކަށް ގައިޑުންވާނެކަމަށެވެ.

އެހެންކަމުން މިފަދަ ދުވަހެއްގައި އަންހެން ކުދިންގެ ޝުޢޫރުތަކުގެ ވާހަކަތަކާއި ހުރި ގޮންޖެހުންތަކުގެ ވާހަކަ ގައިޑުން އިސްވެ ނިކުމެ ދައްކާތީ އެކަމާ ވަރަށް އުފާކުރާކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އުއްމީދަކީ ގައިޑުންނަކީ އަބަދުވެސް ކަންކަމުގައި ލީޑަރޝިޕް ދައްކާ ނަމޫނާ ބަޔަކަށްވުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.