ޚަބަރު

އޮޕަރޭޝަން އަލިމަގު: ރައްޔިތުންގެ ފަރާތުން ލިބުނު މަޢުލޫމާތާއެކު ކާމިޔާބީތަކެއް ހާސިލްވި


  • އޮޕަރޭޝަން ފެށީ ފަތިހު 5:30 ގައި

  • ބަލާ ފާސްކުރުމަށް ކަނޑައެޅި 104 ތަނުގެ ތެރެއިން %90 ތަން ބަލައި ފާސްކޮށްފި

އޮޕަރޭޝަން އަލިމަގުގައި 100 އެއްހައި މީހުން ހައްޔަރުކޮށް ބަލަން ކަނޑައެޅި މަދުތަނެއް ފިޔަވައި ހުރިހާ ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

އޮޕަރޭޝަން "އަލިމަގު" އަކީ މަސްތުވާތަކެތީގެ ނެޓްވަރކްތައް ހޯދައި، މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އެންގެވުމަކަށް ފުލުހުން ފެށްޓެވި ޚާއްސަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަން އަމާޒުކޮށްފައިވަނީ މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ފަރާތްތަކަށެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެއް ވަގުތެއްގައި އޮޕަރޭޝަން ކުރިއަށް ގެންދިޔައިރު މި އޮޕަރޭޝަނުގައި 500 އެއްހައި ފުލުހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، ފުލުހުންގެ ހެޑް އޮފް ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުޒް ކޮންޓްރޯލް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ، މި އޮޕަރޭޝަންގެ ތެރެއިން ބަލަން ކަނޑައެޅި މަދު ތަނެއް ފިޔަވާ ހުރިހާ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

"އޮޕަރޭޝަން މިއަދު ފަތިހު 5:30 ފެށިފަހުން، މިވަގުތާއި ހަމައަށް 100 މީހުން ހަޔައްރުކުރެވި، 104 ތަނެއް ބަލާފާސް ކުރަން ޝެޑިއުލް ކުރެވި އޭގެ ތެރެއިން %90 ބަލާ ފާސްކުރެވިފައި ހުރީ ހެނދުނު 10:00 އާއި ހަމައަށް. އެއީ ބައެއް ތަންތަނަކީ އެކަކަށް ނިސްބަތްވާ ތަންތަން ވީމަ، އެތަންތަންވެސް ހޯލްޑް ކޮށްގެން ކުރިއަށް ގެންދިޔައީ. މިވަގުތަށް ބާކީ ހުރީ އެތަންތަން. އެތަންތަންވެސް ބަލާ ފާސްކުރުމުގެ މަސައްކަތް މިވަގުތަށް ކުރަމުން އެބަދޭ." ނާއިފް ވިދާޅުވިއެވެ.

ފުލުހުން ވަނީ މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން ފާހަގަކޮށްފައެވެ. އަދި މި އޮޕަރޭޝަންގައި ކާމިޔާބީ ހާސިލްވެފައިވަނީ ރައްޔިތުންގެ ފުށުން ލިބުނު މައުލޫމާތުތަކުގެ އަލީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ކުރިއަށް ގެންދާ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުން ކުރާ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ކުރިއަށްދާ އޮޕަރޭޝަންގައި މިހާތަނަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވަނީ. އޭގެ ތެރޭގައި ރާއްޖޭގައި މި ބޭނުންކުރާ ހެރޮއިން ކެނަބިސް އަދި މެތަމްފެޓަމިން ފަދަ ބާވައްތަކާއި އެކި ސިންތެޓިކް ޑްރަގްސް ފެނިފައިވާކަން މި ފުރުސަތުގައި ފާހަގަކުރަން. ހަމައެއާއެކު ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ތަކެތި ފެނިފައިވޭ. އަދި މަސްތުވާތަކެތި ކިރުމަށް ބޭނުންވާ ތަކެތި ފެނިފައިވާކަން އަޅުގަނޑުމެން ފާހަގަކުރަން." ނާއިފް ވިދަޅުވިއެވެ،

"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެކެވެ.