ދިވެހި މީޑިއާތަކަށް އެއް ޕްލެޓްފޯމަކުން ކޮންޓެންޓް ލިބޭނެ ޕްލެޓްފޯމެއް "ނެޝަނަލް ނިއުސް އެޖެންސީ"ގެ ނަމުގައި އިފްތިތާޙުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ފެށި މި މަސައްކަތަކީ، ޕްރައިވެޓް މީޑިއާތައް ކުރިއަރައި ދިއުމަށް އެހީތެރިކަން ދިނުމަށް ފެށި މަސައްކަތެކެވެ.
ނެޝަނަލް ނިއުސް އެޖެންސީގެ ލޯގޯ، ވެބްސައިޓް އަދި ކާޑު އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދާއި ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝަމްޢާން އަދި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީނެވެ.
އެންއެންއޭ އިފްތިތާޙުކުރުމަށް ފަހު ވަނީ، މި ޕްލެޓްފޯމާއި ފުރަތަމަ ގުޅުނު 20 މީޑިއާއެކު އެއްބަސްވުމުގައި ސޮއިކޮށް، ކާޑު ހަވާލުކޮށްފައެވެ.
• ޖީލު އޮންލައިން
• ޖަވިޔަނި
• ތީރު މީޑިއާ
• އަސުރު އޮންލައިން
• ދަ ސްޓޭންޑަރޑް މޯލްޑިވްސް
• ހުވަދޫ މީޑިއާ
• ސަން ސިޔާމް މީޑިއާ
• މިއަދު ޑެއިލީ
• ތިލަދުން އޮންލައިން
• ސައުވީސް އޮންލައިން
• ދިވެހި ޗެނަލް
• ސަންގު ޓީވީ
• އަސްލު ޓީވީ
• ވޮއިސް އެމްވީ
• އޯރކާ މީޑިއާ
• އެމްއެމްޓީވީ
• ވީޓީވީ
• މެންދުރު ޓީވީ
• ވަގުތު
މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝަމްޢާން ވިދާޅުވީ މި ޕްލެޓްފޯމަކީ ދިވެހި ނޫސްވެރިނަށް ވަރަށް ފަހި ފުރުޞަތުތަކެއް ލިބޭ ޕްލެޓްފޯމެއްކަމަށެވެ.
މި ޕްލެޓްފޯމްގައި ޕީއެސްއެމްގެ ވީޑިއޯ ކޮންޓެންޓްތަކާއި ކަވަރުކުރާ އެކިއެކި އިވެންޓްތަކުގެ ވީޑިއޯ/ފޮޓޯ، މީޑިއާތަކުން ބޭނުންކުރުމަށް ފޯރުކޮށްދޭނެކަމަށް ޝަމްއާން ވިދާޅުވިއެވެ. ޕީއެސްއެމްގެ އިތުރުން، އެހެން މީޑިއާތަކުން ނަގާ ކޮންޓެންޓްތައްވެސް މުސްތަޤުބަލުގައި މި ޕްލެޓްފޯމްގައި ޙިއްސާކުރެވޭނެކަމަށް ޝަމްއާން ވިދާޅުވިއެވެ.
"ރެޖިސްޓްރީކޮށްގެން ހިންގާ އޮންލައިން އަދި ބްރޮޑްކާސްޓް މީޑިއާތަކަށް ގިނަ ކޮންޓެންޓްތަކެއް ހިލޭ ލިބޭނެ. ކޮލިޓީ ރަނގަޅު ވިޑިއޯއާއި ފޮޓޯގެ ރޯ ފައިލް ލިބޭނެ. މިއީ ޒިންމާދާރުކަމާއެކު ޚަބަރާ މަޢުލޫމާތު ފެތުރުމަށް ލިބޭ ފުރުޞަތެއް." ސްޓޭޓް މިނިސްޓަރ ޝަމްއާން ވިދާޅުވިއެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީން ވިދާޅުވީ ޕްރައިވެޓް މީޑިއާތައް ހަރުދަނާކުރުމަށް ޕީއެސްއެމްއާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ފުޅާކުރާނެކަމަށެވެ. ގިނަ ކޮންޓެންޓްތަކެއް މި ޕްލެޓްފޯމްގައި ހިލޭ ދޫކުރުމަށް ހަމަޖެހިފަވާއިރު، ޕްރިމިއަމް ޕެކޭޖްތައް މެދުވެރިކޮށް ޚާއްސަ ކަންކަމާ ގުޅޭ ވީޑިއޯތައް ލިބޭނެ ޕެކޭޖުތައްވެސް ހިމަނާނެކަމަށް ނަސްރީން ވިދާޅުވިއެވެ.
ނަސްރީން ވިދާޅުވީ، ޕީއެސްއެމްއާއެކު މަސައްކަތްކުރާ ބައިނަލްއަޤްވާމީ މީޑިއާތަކުގެ ކޮންޓެންޓްވެސް، މި ޕްލެޓްފޯމްގައި ދިވެހި މީޑިއާތަކާ ޙިއްސާކުރުމަށް އެކަމާ ގުޅޭ މަޝްވަރާ ކުރަމުންދާކަމަށެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ، ޕީއެސްއެމްއިން ކަވަރޭޖްހަދާ އެކިއެކި އިވެންޓްތަކުގެ ވީޑިއޯ ހިލޭ ފޯރުކޮށްދޭނަން. އެކިއެކި ހާސިދާތަކާ ކާރިސާތަކުގެ ރޯ ފައިލްވެސް ފޯރުކޮށްދޭނަން." ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަސްރީން ވިދާޅުވިއެވެ.
ނަސްރީން ވިދާޅުވީ ސޮއިކުރި މީޑިއާތަކުގެ އިތުރުން، އިތުރު މީޑިއާތަކަށްވެސް، ނެޝަނަލް ނިއުސް އެޖެންސީގައި ބައިވެރިވުމުގެ ފުރުޞަތު އަބަދުވެސް ހުޅުވިފައި އޮންނާނެކަމަށެވެ.
ކުރިމަގުގައި ފަންނާ ބެހޭ ވުޒާރާއާއި ޕިއެސްއެމްގެ ދަށުން ހިންގާ މޯލްޑިވް މީޑިއާ އިންސްޓިޓިއުޓް ގުޅިގެން ތަފާތު ތަމްރީން ޕްގްރާމްތައް މީޑީއާތަކަށް ހިންގުމަށްވެސް ވިސްނާކަމަށެވެ. އަދި ބައިނަލްއަޤްވާމީ އެކި މީޑިއާ އިވެންޓްތަކުންވެސް ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.