ޚަބަރު

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި


  • ވިލިމާލެއާއި ހުޅުމާލޭގައި ޔުނިޓްތައް ތަރައްޤީކުރާނެ

  • ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުރެވޭނެ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ހައުސިން ސަބްސިޑަރީ ކުންފުނި މެދުވެރިކޮށް، 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް، އެކަމަށް ބޭނުންވާ ބިން ސަރުކާރުން ބީއެމްއެލްއާ ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެފޯޑަބަލް ހޯމް ލީޒިންގ ޕްރައިވެޓް ލިމިޑެޓުގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާމެވެ.

މި ސްކީމްގެ ދަށުން ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގަނީ ވިލިމާލެ އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ. އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.

މި މަޝްރޫޢު ކުރިއަށްގެންދަނީ މިދިޔަ މަހުގެ 5ވަނަ ދުވަހު ވަޒީރުގެ މަޖިލީހުން ނިންމެވި، ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢުގެ ދަށުންނެވެ. މިއީ މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްޤީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުރެވޭ ނިޒާމެވެ.

އެމްއެމްއޭގެ ޤަވާއިދުތަކާ އެއްގޮތަށް، ބީއެމްއެލުން ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ފައިނޭނެސްކޮށް މަޝްރޫޢުތައް ހިންގުމަށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ފްރައިވެޓް ލިމިޓެޑްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދާފައެވެ.

ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ސްކީމްގައި ރާއްޖޭގެ ހުރިހާ ބޭންކުތަކުން ބައިވެރިވުމަށް ލާޒިމުކުރާއިރު، ޤައުމީ ބޭންކުގެ ޙައިސިއްޔަތުން މިކަމުގައި ޒިންމާދާރުކަމާއެކު އިސްނަގަންޖެހޭކަން ދެކޭކަމަށެވެ. އެހެންކަމުން މަސައްކަތްތައް ހަލުވިކޮށް، އެމްއެމްއޭގެ ހުއްދައާއެކު މިކަމަށް ޚާއްސަ ސަބްސިޑަރީ ކުންފުންޏެއް އުފައްދަން ނިންމީކަމަށެވެ.

ޝަރީފް ވިދާޅުވީ މި ސްކީމްގައި ކުރިއަށްގެންދާނީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނިން ހައުސިން ޔުނިޓް ތަރައްޤީކޮށް ކުއްޔަށްދީ، ފައިސާ ހަމަވުމުން އަމިއްލަ ކުރެވޭގޮތަށްކަމަށެވެ.

"މިގޮތަށް ދިނުމުގެ ސަބަބުން ލޭންޑް ކޮސްޓް، ފައިނޭންސް އަދި ޑިވެލޮޕްމަންޓް ކޮސްޓް ވަރަށް ބޮޑަށް ކުޑަވޭ އެބަ. އެހެންވީމަ ކުއްޔަށް ދޫކުރެވޭ އަގުތައްވެސް ވަރަށް ބޮޑަށް ކުޑަކުޑަކުރެވޭނެ. މީގެ ތަފްސީލްތައް ހާމަކުރާނަން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސަރުކާރުން ބިންދޭގޮތަށް މި މޮޑެލްގައި ސްކީމް ކުރިއަށްގެންދިއުމުން، ބޭންކަށް އަދި ކުއްޔަށް ނަގާ މީހާއަށްވެސް ބޮޑެތި ލުއިތައް ލިބޭނެކަމަށެވެ.
އަދި ބީއެމްއެލްއަކީ މަސައްކަތްތައް އަވަހަށް ނިންމާ ނަތީޖާ ނެރޭ ކުންފުންޏެއްކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، މި މަސައްކަތްވެސް ކަނޑައަޅާ ތާވަލަށް އަވަހަށް ކުރިއަށްގެންގޮސް ނިންމާ ރައްޔިތުންނަށް އޭގެ ފުރިހަމަ މަންފާ ހޯދައިދޭނެކަމަށެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި ދޫކުރާ ލޯނުގެ ފައިސާގެ އަދަދުގެ %52 ޙިއްސާކުރާ ކުންފުންޏެވެ.