ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް ފިރިހެން ޑަބަލްސް އިވެންޓުގެ ކުއަޓަރ ފައިނަލުން ރާއްޖޭގެ މޫސާ މުންސިފް އަހުމަދު އަދި މުޙައްމަދު ޝައްފާންގެ ޕެއާރ ޖާގަ ހޯދައިފިއެވެ.
ޓޭބަލް ޓެނިސް ފިރިހެން ޑަބަލްސް އިވެންޓުން މުންސިފް އަދި ޝައްފާންގެ ޕެއާއިން ކުއަޓަރ ފައިނަލުން ޖާގަ ހޯދާފައިވަނީ 3 ސެޓު 1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ފިރިހެން ޑަބަލްސް މެޗުގައި ރާއްޖޭގެ މުންސިފް އަދި ޝައްފާން ވާދަކޮށްފައިވަނީ އަޒަރުބައިޖާންގެ ހަސަނޯވް ހިލާލް އަދި ގުލްޒާދު އުނުރު އާއެވެ. މިމެޗުތަށް ކުރިއަށްދަނީ ބެސްޓް އޮފް ފައިވްއަށެވެ.
މެޗުގެ ފުރަތަމަ ސެޓުން ފެށިގެން ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކިނަމަވެސް އަޒަރުބައިޖާނުން ކުޅުން ރަނގަޅުކޮށް މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރިއެވެ. އެއީ 11-9 އިންނެވެ. މިސެޓުގައި ރާއްޖޭގެ މުންސިފް އަދި ޝައްފާންވަނީ އަޒަރުބައިޖާންގެ ކުޅުންތެރިންނާއި ދެކޮޅަށް ތަފާތު ކުޅުމެއް ދައްކާފައެވެ.
ދެވަނަ ސެޓު އަދި ތިންވަނަ ސެޓު ކާމިޔާބުކުރީ ޝައްފާން އާއި މުންސިފެވެ. ދެވަނަ ސެޓު 11-8 އިން ކާމިޔާބުކުރިއިރު، ތިންވަނަ ސެޓު ކާމިޔާބުކުރީ 11-3 ކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗެގެ ދެވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ހާއްސަކޮށް ޝައްފާން އަދި މުންސިފްގެ ކުޅުން ފާހަގަކޮށްލެވެއެވެ. މެޗުގެ ތިންވަނަ ސެޓު ޝައްފާން އައި މުންސިފް ކާމިޔާބުކުރީ ވަރަށް ފަސޭހަކަމާއެކުއެވެ. 3 ވަނަ ސެޓުގައި އަޒަރުބައިޖާންގެ ކުޅުންތެރިންނަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
މެޗުގެ ތިންވަނަ ސެޓު ފަސޭހަކަމާއެކު ރާއްޖެއިން ކާމިޔާބުކުރި ނަމަވެސް ހަތަރުވަނަ ސެޓު ވެގެންދިޔައީ ދެ ޓީމުއަށްވެސް ވަރަށް ތަފާތު އުނދަގޫ ސެޓަކަށެވެ. އެއީ ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިއުމާއެކު، އެއްވެސް ޓީމަކަށް މާބޮޑު ލީޑެއް ނެގުމުގެ ފުރުސަތެއް ލިބިފައިނުވާތީއެވެ. ނަމަވެސް ރާއްޖެއިން ކުޅުން ރަގަނޅު މުންސިފް އަދި ޝައްފާންވަނީ ހަތަރުވަނަ ސެޓު ކާމިޔާބުކޮށް މެޗުވެސް ކާމިޔާބުކޮށްފައެވެ. މެޗުގެ ހަތަރުވަނަ ސެޓު މުންސިފް އަދި ޝައްފާން ކާމިޔާބުކުރީ 12-10 އިންނެވެ.