ޚަބަރު

"އަންނަ އަހަރުގެ ބަޖެޓަކީ ވަޢުދުތައް ފުއްދުމަށާއި، ޤައުމުގެ ތަރައްޤީއަށް މުހިންމު ބަޖެޓެއް"


  • ޚިޔާލު ތަފާތުވިޔަސް ޤައުމުގެ ކަންކަން ހައްލުކުރަން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް މެމްބަރުން ވިދާޅުވި

  • ކުރީ ސަރުކާރުތަކުން ބެލުމެއް ނެތި ދަރަނި ނެގުމުން އޭގެ ގެއްލުން ޤައުމަށްވާކަން ފާހަގަކުރެއްވި

އަންނަ އަހަރުގެ ބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދެވުމަށާއި ޤައުމުގެ ތަރައްގީއަށް މުހިންމު ބަޖެޓެއްކަމުގައި މިއަދުގެ ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ބަހުސްގެ ދެވަނަ ދުވަހު ވާހަކަދައްކެވި ގިނަ މެންބަރުން ވަނީ މި ބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދެވުމަށާއި ޤައުމުގެ ތަރައްގީއަށް މުހިންމު ބަޖެޓެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ބަޖެޓުގެ ސަބަބުން ރައްޔިތުންގެ ފުފުންތެރިކަން އިތުރުކޮށް ވައްކަމާއި ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ނައްތާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

ބަހުސްގައި ބައިވެރިވެވަޑައިގެންނެވި އިދިކޮޅު މެންބަރުން ވަނީ ބަޖެޓުގައި ވަކިވަކި މަޝްރޫއުތައް ހިމަނާފައި ނެތުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ބަޖެޓުން ރާއްޖޭގައި މަޝްރޫއުތައް ކުރިއަށްނުދާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި ވާހަކަތަކާ ގުޅިގެން އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ވަކިވަކި ރަށްރަށުގައި ކުރިއަށްގެންދާނެ މަޝްރޫއުތައް ކުރީގެ ސަރުކާރުތަކުން ބަޖެޓުގައި ހިމެނި ނަމަވެސް އެ މަޝްރޫއުތައް ކުރިއަށްނުގެންދެވޭ ކަމަށެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މަޝްރޫއުތައް ހިންގާނެ ދާއިރާތައް ތަފްސީލުކޮށް ބަޔާންކޮށްފައިވާއިކަމަށެވެ. މަޝްރޫއުތައް ހިންގާ ރަށްރަށުގެ މައުލޫމާތު މާލީ ވުޒާރާއިން ކޮންމެ 3މަހަކުން އެއްފަހަރު މަޖިލީހާއި ހިއްސާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރެވޭނެ ގޮތްތަކާމެދު ވިސްނަންޖެހޭ ކަމަށެވެ. އެކަމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށާއި ކުރީ ސަރުކާރުތަކުން ހުރިހާ ކަމެއްހެން ހިލޭ ރައްޔިތުންނަށް ދޭގޮތަށް ސިޔާސަތުތައް ކަނޑައަޅާފައި އޮތުމުން ޚަރަދު ކުޑަކުރުމަށް ގޮންޖެހުންތަކާ ދިމާވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ. އާސަންދަ އާއި 65 އަހަރުވުމުން ދޭ ފައިސާ މުއްސަނދިންނަށްވެސް ލިބޭގޮތަށް އޮތުމަކީ މައްސަލައެއް ކަމަށާއި އެކަންކަން އިސްލާހު ކުރެވެންޖެހޭ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

"ކުރީގައި އެޅި ފިޔަވަޅުތަކެއްގެ ސަބަބުން އަޅުގަނޑުމެންނަށް މިއުޅެނީ ހަގީގަތުގައި މި މަރުހަލާތައް ކަނޑައްތު ނުކުރެވިގެން. މިކަންކަން އަޅުގަނޑުމެން ކުއްލިއަކަށް ކުރަން އުޅެގެން ރައްޔިތުންނަށް ބޮޑު ގެއްލުމަކަށްވާނީ. ހަގީގަތުގައި ދަންނަވާނަމަ ކަންކަން ކުރަންވީގޮތަށް ކަން ކުރާނަމަ މިއަދު އަޅުގަނޑުމެން ތިބޭނީ ވަރަށް ތަނަވަސްކަމުގައި،"

ކުރީ ސަރުކާރުތަކުން އެއްވެސް ވިސްނުމެއް ނެތި ދައުލަތަށް ދަރަނިތައް ނަގާފައިވާކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ދައުލަތަށް ދަރަނި ނެގޭނެ މިންވަރެއް ކަނޑައަޅައި، ހަރުދަނާ ސިޔާސަތެއް ކަނޑައަޅަންޖެހޭ ކަމަށެވެ. އެގޮތުން ބަޖެޓުގެ ވަކި އިންސައްތައަށްވުރެ ބޮޑުކޮށް އެ އަހަރެއްގައި ދަރަނި ނުނެގޭގޮތަށް ހަދަންޖެހޭ ކަމަށާއި އެ ބަދަލު ނުގެންނަ ނަމަ ޤައުމު ސަލާމަތް ކުރަން އުނދަގޫވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޤައުމުގެ ކަންކަން އިސްލާހު ކުރުމަށް ޚިޔާލު ތަފާތުވި ނަމަވެސް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި ބަޖެޓު ފޮތުގައި ހުރި ތަފްސީލަށް ބަލައިގެން މަސައްކަތް ކޮށްފިނަމަ ރަނގަޅު ނަތީޖާ ފެންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވިއެވެ.

ބަހުސް މަރުހަލާގައި މެމްބަރުން ވަނީ މިބަޖެޓުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކަށް ޖާގަ ލިބޭގޮތަށް އޮތުމަކީ ރައްޔިތުންނަށް އޭގެ މަންފާ ކުރާނެކަމެއްކަމަށް ވިދާޅުވެފައެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށެހެޅީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ބަހުސްގެ ފުރަތަމަ މަރުހަލާގައި ކޮންމެ މެންބަރަކަށްވެސް ބަހުސްކުރުމަށް ލިބޭނީ 15 މިނެޓެވެ.