ޚަބަރު

ނިއު ދިއްލީގައި ކާރު ގޮއްވާލުމުގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން: މޯދީ


އިންޑިޔާގެ މަޝްހޫރު ރެޑް ފޯޓް ސަރަޙައްދުގައި ކާރެއްް ގޮއްވާލައިގެން ދިން ޙަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ކާރު ގޮވުމުގެ ހާދިޘާ ހިނގާފައި ވަނީ ނިއު ދިއްލީގެ ތާރީޚީ ބިނާއެއް ކަމަށްވާ ރެޑް ފޯޓްއާ ކައިރި ސަރަޙައްގެއްގައި، ނޮވެމްބަރު މަަހުގެ 10ވަނަ ދުވަހު އިންޑިޔާ ގަޑިން އިރުއޮއްސި ހަތެއް ޖަހަނިކޮށެވެ.

އެ ހާދިޘާގެ ތަޙުޤީޤު އިންޑިޔާގެ ފުލުހުން ކުރިއަށް ގެންދަނީ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ޢަމަލުކުރުމަށް އެކުލަވާލާފައިވާ ޚާއްސަ ޤާނޫނުގެ ދަށުންކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ގޮވުމުގެ ސަބަބުން އެ ސަރަޙައްދުގައި ހުރި އެހެން އުޅަނދުތަކަށް ވެސް ގެއްލުން ލިބިފައިވެއެވެ. އެ ގޮތުން ހަ ކާރަކާއި ތިން އޮޓޯއެއްގައި އަލިފާން ރޯވެފައިވެއެވެ. އެ ހާދިޘާގައި މިހާތަނަށް ނުވަ މީހުން މަރުވެ، 20 މީހުންނަށް ވަނީ ޒަޚަމްވެފައެވެ.

މި ހާދިޘާ ހިނގި ވަގުތު ރަސްމީ ދަތުރުފުޅެއްގައި ބޫޓާނަށް ވަޑައިގެން ހުންނެވި މޯދީ ވިދާޅުވި ގޮތުގައި، އިންޑިޔާގެ ތަޙުޤީޤީ އިދާރާތަކުން މިކަމުގެ އެންމެ ފުނަށް ގޮސް، މިކަމުގެ ފަހަތުގައި ތިބި ހުރިހާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެއެވެ.

ހާދިޘާގެ ހިނގި ސަރަޙައްދު ވަށައިގެން ބަންދުކޮށް، ފުލުހުން އަދިވެސް ދަނީ ހެކި ހޯދުމުގެ މަސައްކަތް ކުރަމުންކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

އިންޑިޔާގެ ދިފާޢީ ވަޒީރު ރާޖްނާތު ސިންގ ވިދާޅުވީ، މި ހާދިޘާގެ ވަރަށް ހަލުއިކަމާއެކު ކުރިއަށްދާ ކަމަށާއި، ތަޙުޤީޤާ ގުޅޭ މަޢުލޫމާތުތައް ވަރަށް އަވަހަށް ޢަންމުކުރާނެ ކަމަށެވެ.

ފުލުހުން ޤަބޫލުކުރާ ގޮތުގައި ކާރު ގޮވުމާ ގުޅިފައި ވަނީ ޖައްމުއާއި ކަޝްމީރާއި ހަރިޔާނާގައި ޙާރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތަކުންނެވެ. އެނގިފައިވާ ގޮތުގައި އެ އުޅަނދު ގޮއްވާލާފައި ވަނީ ދެކުނު ކަޝްމީރުގެ ޕަލްވާމާގެ ޑޮކްޓަރެއް ކަމަށްވާ ޑރ ޢުމަރު މުޙައްމަދެެވެ. އޭނާއަކީ ނިރުބަވެރި ޖަމާޢަތުގެ މެންބަރެއް ކަމަށް ބެލެވެއެވެ. ކާރު ގޮއްވާލާފައި ވަނީ އެ ޖަމާޢަތަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ ޑރ މުޒައްމިލް ޝަކީލާއި ޑރ އާދިލް ރަތާ ގާތްގަނޑަކަށް 3،000 ކިލޯގެ ގޮވާތަކެެއްޗާއެކު ހަރިޔާނާގެ ފަރީދުއާބާދުގައި ނޮވެމްބަރު މަހުގެ 7ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނިކޮށެެވެ.

ނިރުބަވެރި ޖަމާޢަތާ ގުޅުންހުރި މައްސަލައިގައި ކުރިން އަތުލައިގެންފައިވާ ގޮވާތަކެތީގެ ތެރޭގައި ގިނަ ޢަދަދެއްގެ އެމޯނިއަމް ނައިޓްރޭޓު ފަދަ ކެމިކަލް ހުރުމުން ކާރު ގޮއްވައިލުމަށް ބޭނުންކޮށްފައި ވަނީ ވެސް އެމޯނިއަމް ނައިޓްރޭޓް ކަމަށް އިދާރާތަކުން ލަފާކުރެއެވެ.