ޚަބަރު

ކުޑަ ފިރިހެން ކުއްޖަކަށް ޖިސްމާނީ އަދި ޖިންސީ އަނިޔާކުރި މަންމައަކު ހައްޔަރުކޮށްފި


  • މި މައްސަލައާ ގުޅިގެން 50 އަހަރުގެ އަންހެނެއް ވަނީ ހައްޔަރުކޮށްފައި

  • އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައި

ކުޑަ ފިރިހެން ކުއްޖަކަށް ޖިސްމާނީ އަދި ޖިންސީ އަނިޔާކުރި މަންމައަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ހާދިސާ ހިނގީ މާލެ ސަރަހައްދުގައި ކަމަށެވެ. އެގޮތުން ކުޑަ ފިރިހެން ކުއްޖަކަށް އެކުއްޖާގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން ބަނގުރާ ބޭނުން ކޮށްގެން ހުރެ ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 28ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ފުލުހުންނަށް ހުށަހެޅުއްވި މި މައްސަލައާ ގުޅިގެން 50 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ، އިއްޔެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ އަންހެން މީހާ ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ، އިތުރަށް ތަޙުޤީޤު ކުރައްވަމުންނެވެ.