ޚަބަރު

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި


  • ރައީސް ވަނީ މި މަޝްރޫޢު ބައްލަވާލައްވާފައި

  • ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައި

  • މިހާތަނަށް ހިއްކާފައިވަނީ 24 ހެކްޓަރު

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް އަލުން ފަށައިފިއެވެ.

ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސަރަޙައްދަށް ވަޑައިގެން އެ މަޝްރޫޢުގެ މަޢުލޫމާތުވެސް އޮޅުން ފިލުވާފައެވެ. ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި އެޗްޑީސީއާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން، ސީއެމްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ބޮސްކާލިސްގެ 22,000 ސީބީއެމްގެ ޑްރެޖަރެއްގެ އެހީގައެވެ.

2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފައެވެ. އެއަށްފަހު އެ މަޝްރޫއު މަޑުޖެހުނީ، ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށެވެ. އެގޮތުން މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ތިންވަނަ ފިޔަވަހިން ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރުތައް އެކަމަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހުޅުމާލެއިން އަލަށް ހިއްކާ ބިމުން ގެދޮރުވެރިކަމުގެ ބޭނުންތަކަށާއި ސިނާއީ ބޭނުންތަކަށާއި މެރީނާގެ ބޭނުމަށް ބިން ބޭނުން ކުރާނެ ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ. އަދި އަލަށް ހިއްކާ ސަރަޙައްދުން މާލޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ގޯތި ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބޮޑު މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ހައްލެއް ގެނައުމަށް 5 ސަރަޙައްދަކުން 1600 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން ހުޅުމާލެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުން އަންނައިރު ގުޅީފަޅުން ޖުމްލަ 277 ހެކްޓަރުގެ ބިން ހިއްކުމަށްދަނީ މަސައްކަތް ކުރަމުންނެވެ. މީގެތެރޭގައި ފުރަތަމަ ފިޔަވަހީގައި ހިއްކަން ނިންމި 192 ހެކްޓަރާއި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެސަރަޙައްދުން އިތުރަށް ހިއްކުމަށް ނިންމެވި 85 ހެކްޓަރުގެ ބިންވެސް ހިމެނެއެވެ.

ހަމަމިއާއެކު ގިރާވަރުފަޅުން 160 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު މިހާތަނަށްވަނީ ގާތްގަނޑަކަށް 60 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައެވެ. ސަރުކާރުގެ ސިނާޢީ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ އުތުރު ތިލަފަޅުން 200 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ނިންމަވާފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އުއްމީދީ މަޝްރޫޢުކަމުގައިވާ ރަސްމާލެ މަޝްރޫޢަށް ފުށިދިއްގަރު ފަޅުން 1009 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.

މާލެ ސަރަޙައްދުގެ އިތުރަށް އަތޮޅުތެރޭގެ އެކި ސަރަޙައްދުތަކުގެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް އިތުރު ޑްރެޖަރުތައް ގެނައުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. މިގޮތުން މި މަހުގެ ތެރޭގައި 45000 ޓަނުގެ 2 ހޮޕަރ ޑްރެޖަރއާއި، 11000 ޓަނުގެ ހޮޕަރ ޑްރެޖަރއެއް ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފެށުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ.