ދިވެހީންނަކީ ގަދީމީ ދައުލަތެއްގެ ވެރި ޤައުމެއްގެ ބަޔެކެވެ. އެ ދައުލަތައް ދިވެހީން ދީފައިވާ ނަމަކީ ދިވެހިރާއްޖެއެވެ. މާނައަކީ ދިވެހީންގެ ރަސްކަމެވެ. ތާރީޚު ޢިލްމުވެރީންގެ ބަހުރުވައިން ބުނަނަމަ، ދިވެހިރާއްޖެއަކީ ބޯދާ ޒަމާނުން ފެށިގެން މިއަދާ ހަމަޔަށް ވާސިލުވެފައިވާ މުސްކުޅި ދައުލަތެކެވެ. އެހެންކަމުން މިއަދުގެ ދުނިޔޭގައި ރާއްޖެ ފާހަގަކުރެވިފައިވަނީ ވަރަށް ދޮށީ ޢުމުރެއް ލިބިފައިވާ ދައުލަތެއްގެ ގޮތުގައެވެ. ޤައުމެއްގެ ބަޔަކީ އަމިއްލަ ދައުލަތެއް ޤާއިމުކޮށްގެން ތިބި ޤައުމެއްކަމުގައިވާނަމަ އެ ބައިމީހުންނަކީ އެ ބައެއްގެ އަމިއްލަ ވެރިކަމެއްގެ މަތީގައި ތިބޭނެ ބައެއްކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެންކަމުން ދިވެހި ދައުލަތުގެ ދޮށިކަމުގެ ވާހަކަ ދައްކާނަމަ އެ ދެއްކެނީ ދިވެހީންގެ ވެރިކަމުގެ ދޮށިކަމުގެ ވާހަކަވެސްމެއެވެ.
މީގެ ގާތްގަނޑަކަށް 2000 އަހަރު ކުރިން ފެށިގެންވެސް ދިވެހިންގެ ވެރިކަމުގެ ޚަބަރު ދުނިޔޭގެ އެކިއެކި ދިމަދިމާތަކުން ފެންނަން ހުރެއެވެ. މިގޮތުން މީލާދީން 321ވަނަ އަހަރު، ރޫމީ އަންބަރާޠޫރުގެ އަރިހަށް ދިވެހި ޝާހީ ސަރުކާރުގެ ފަރާތްޕުޅުން ސަފީރުން ފޮނުއްވި ވާހަކަ ފާހަގަކޮށްލެވެއެވެ. އަދި އެނޫނަސް މީލާދުން 600ގެ އަހަރުތަކުގެ ތެރޭގައި އެއިރު ދިވެހީންގެ ސިންގާ ތަޚުތުގައި ރެނދަލިކުރައްވަމުން ގެންދެވި ސްވަސްތީ ސްރީ ބަލާދީއްތަ މަހާރަދުންގެ ފަރާތްޕުޅުން ސީނުކަރައިގެ އަންބަރާޠޫރުންގެ އަރިހަށް ސަފީރުން ފޮނުއްވި ވާހަކައަކީވެސް ތާރީޚުގައި މަޝްހޫރު ވާހަކައެކެވެ. މިފަދައިން ދިވެހިންގެ ވެރިކަމާގުޅޭ ކިތަންމެ ޚަބަރެއް ތާރީޚުގެ ތެރެއިން ފެންނަން އެބަހުއްޓެވެ.
ތާރީޚުން އެނގެން އޮތް އެންމެ ދުރު ޒަމާނުންފެށިގެންވެސް ދިވެހިރާއްޖޭގައި ހިނގަމުން އައިސްފައިވާ ވެރިކަމުގެ ނިޒާމަކީ ލިޔެވިފައި ނެތް ދުސްތޫރީ ރަސްކަމުގެ ނިޒާމެކެވެ. ދިވެހިރާއްޖޭގެ ރަސްކަމުގެ ނިޒާމަކީ ދުނިޔޭގެ އެހެނިހެން ބައެއް ޤައުމުތަކުގައި އޮތް ފަދަ ޚުދުމުޚުތާރު ރަސްކަމުގެ ނިޒާމެއްވެސް ނޫނެވެ. މިއީ މި ސަރަހައްދުގެ އެހެނިހެން ރަސްކަންތަކުގައިވެސް އެކުލެވިފައިވާ ސިފައެކެވެ. ދިވެހި ވެރިކަމުގެ ދިގު ތާރީޚަށް ބަލައިފިނަމަ ފެންނަނީ އެކި ޒަމާންތަކުގައި ދިވެހި ރަސްކަން ހިންގަމުން އައިސްފައިވަނީ އެކިއެކި ދަރިކޮޅުތަކުންކަމުގައެވެ. މިގޮތުގައި އެ ރަސްކަން ވަރަށް ދިގު ޒަމާނަކަށް ހިނގަހިނގާ އޮތުމަށްފަހު މީލާދުން 1932ވަނަ އަހަރު ލިޔެފައިވާ ދުސްތޫރެއްގެ ދަށުން ހިނގާ ރަސްކަމަކަށް ދިވެހި ރަސްކަން ބަދަލުވެގެން ދިޔައެވެ.
1930ގެ އަހަރުތަކުން ފެށިގެން ދެން ދިވެހިރާއްޖޭގެ ސިޔާސީ ޙަޔާތް ދެކެމުން ދިޔައީ ވަރަށް ގިނަ ތަފާތު ބަދަލުތަކެވެ. ދުސްތޫރީ ބަދަލުތަކާ ވެރިކަން ހިންގުމުގެ އެކި އުސޫލުތަކެވެ. މިގޮތުން ދެން ދިވެހި ރަސްކަން ބަދަލުވެގެން ދިޔައީ އިންތިޚާބީ ވިރާސީ ރަސްކަމަކަށެވެ. އަދި އެގޮތުން ތަޚުތަށް އެންމެ ފުރަތަމަ އިންތިޚާބު ކުރެވުނު ރަސްކަލެއްކަމުގައި އައްސުލްޠާން ޙަސަން ނޫރައްދީނު ދެވަނަ ވެގެން ދިޔައެވެ. މީލާދީން 1943 ވަނަ އަހަރު ސުލްޠާން ޙަސަން ނޫރައްދީނު ރަސްކަމުން އިސްތިޢުފާ ދެއްވުމަށްފަހު ދެން ރާއްޖޭގެ ވެރިކަން ވަލީ ކޮމެޓީއަކުން ހިންގެވުމަށްފަހު، ތަޚުތަށް އިންތިޚާބު ކުރެވުނީ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. އެހެންނަމަވެސް އެ ކިލެގެފާނު ތަޚުތުގައި އިށީނދެވަޑައެއް ނުގަންނަވައެވެ. ޢުމުރުފުޅު ހުސްވުމާ ހަމަޔަށްވެސް އެ ކިލެގެފާނު ހުންނެވީ އަލްމުންތަޚަބުލި ޢަރުޝި ދައުލަތިލް މަޙަލްދީބިއްޔާ ނުވަތަ ރާއްޖޭގެ ވެރިކަމުގެ ތަޚުތައް އިންތިޚާބުކުރެވުނު ވެރިއެއްގެ ނަމުގައެވެ.
މީލާދީން 1952ވަނަ އަހަރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވުމުން އަނެއްކާވެސް ދިވެހި ތަޚުތަށް ބޭފުޅަކު އިންތިޚާބު ކުރުމުގެ މައްސަލަ ހުށައެޅުނެވެ. ދެން ތަޚުތު ހުށައެޅުނީ އަތިރީގޭ މުޙައްމަދު އަމީންދީދީ ދޮށިމޭނާ ކިލެގެފާނަށެވެ. އެހެންނަމަވެސް މުޙައްމަދު އަމީން ރަސްކަލަކަށް ވެވަޑައިގަންނަވަން ޢުޛުރުވެރިވެވަޑައިގަތެވެ. ސަބަބަކަށް ވިދާޅުވީ ރާއްޖޭގެ އެކި ކަންކަމުގައި އުޅުއްވަން ޖެހިވަޑައިގެންފައިވާ ބުރަކަމެވެ. އަދި އެކަންކަން ރަސްކަލަކަށް ހުންނަވައިގެން ނުކުރެއްވޭނެކަމެވެ. ދެން ހުށައެޅުނީ މުޙައްމަދު އަމީންދީދީއަށް ވެރިކަން ކުރެއްވޭނެ ފަދަ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު އަނބުރާލުމުގެ ޚިޔާލެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ އެންމެ މަތީ ދަރަޖައިގެ ވެރިކަން، ނުވަތަ ކީރިތި މޫރިތި ދިވެހި ރަސްކަން އުވާލުމަކީ މުޙައްމަދު އަމީންދީދީވެސް ގަބޫލުފުޅު ނޫންކަމެއްކަމަށް ވިދާޅުވިއެވެ.
މުޙައްމަދު އަމީން އަމީންދީދީ ވިދާޅުވަމުން ގެންދެވީ "ރާއްޖޭގެ ރަސްކަން ވިރާޘީ ރަސްކަމަކަށް ބަދަލުވެފައި އެމަނިކުފާނު ނޫން ބޭފުޅަކު ރަސްކަމަށް އިސްވެވަޑައިގަތުމުން ހާލަތަށާއި މުސްތަގުބަލަށް އެންމެ ފައިދާހުރި ގޮތުގައި ވެރިކަން ހަމަޖެހުނީކަމުގައި ކަމަށެވެ" އެހެންނަމަވެސް ވެރިކަން ހިންގާނެ އިތުރު އެހެން ބޭފުޅެއް ނެތްކަމަށް އެއިރު ކުރިޔަށް ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގެން ދިވެހިރާއްޖޭގެ ރަސްކަމުގައި ނިމުމުގެ ސިއްކަ ޖެއްސެވުމަށްފަހު، ޖުމްހޫރިއްޔަތަކަށް ދިވެހިރާއްޖެ އަނބުރާލެވުނެވެ. މި ޖުމްހޫރިއްޔާ އިއުލާން ކުރެވުނީ 1 ޖަނަވަރީ 1953ގައި އެކަމަށްޓަކައި ބޭއްވުނު ވަރަށް ކުލަގަދަ ޙަފުލާއެއްގައެވެ.
އެހެންނަމަވެސް މި ޖުމްހޫރިއްޔަތު ގެނެވުނުތާ 7 މަސް ތެރޭގައި ގެނެވުނު އިންގިލާބަކުން ހަމަ އެ އަހަރުގެ އޯގަސްޓު މަސްތެރޭގައި އެ ޖުމްހޫރިއްޔާ އުވާލެވުނެވެ. އެ އިންޤިލާބަކީ އެއިރުގެ އާއްމު ގިނަ ރައްޔިތުންގެ ގަބޫލާއި އެކު ގެނެވުނު އިންގިލާބެއްވެސްމެއެވެ. ޖުމްހޫރިއްޔަތެއް ރާއްޖޭގައި ގާއިމުކުރެވުނުތާ 7 މަހާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިޒާމު އުވާލާ "ދެނެއް މިރާއްޖެއަކު ޖުމެއް ނުހޫރޭނޭ" ގޮވާ އާއްމު އެތައް ބަޔަކު އުފާފާޅުކުރަމުންވެސް ދިޔައެވެ. އެއަށް ފަހު މީލާދުން 1954ވަނަ އަހަރު އަލުން ދިވެހި ރަސްކަން އިޢާދަ ކުރުމަށްފަހު، ނޫރައްދީނު ބަންޑާރައިންގެ ކާފަ ދަރިކަލުން އަލްއަމީރު މުޙައްމަދު ފަރީދު މަނިއްޕުޅު ދިވެހި ރަސްކަމުގެ ތަޚުތަށް އިސްކުރެވުނެވެ.
ކީރިތި މަހާރަދުން ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން ދެމިއޮތީ 14 އަހަރެވެ. އެއަށްފަހު މީލާދުން 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހެއްގެ 11ވަނަ ދުވަހު ދެވަނަ ފަހަރަށް ދިވެހިރާއްޖޭގައި އަލުން ޖުމްހޫރިއްޔަތެއް ގާއިމުކުރެވިގެން ދިޔައެވެ. އެއްވެސް ހާލެއްގައި އެރަސްކަމާ ދެކޮޅަށް އާއްމުންގެ މެދުގައި އެއްވެސް ކަހަލަ ނަފުރަތެއް އުފެދި، ހިނގައިދިޔަ ގަޑުބަޑެއްގެ ސަބަބަކުން ނޫނެވެ. ނުވަތަ ޖުމްހޫރީ ފިކުރަކަށްޓަކައި ބަޔަކު ކުޅަ ވަކާލާތަކުން ނުވަތަ ކުރި ކަމަކުންވެސް ނޫނެވެ. އެހެނީ މިއަދު މި ފާހަގަކުރެވެނީ އެ ދުވަހުގެ ހަނދާނެވެ. މިއީ އަލްއުސްތާޛުލް މަރުޙޫމު އިބްރާހިމް ޝިހާބުވެސް ވިދާޅުވެފައިވާ ފަދައިން ދިވެހީންގެ ވެރިކަމާ ބެހޭ ދުވަހެވެ.
ޒަމާންވީ ދިވެހި ދައުލަތުގެ ވެރިކަމަށް ބަދަލެއް ގެނެވުނު ހާދިސާގެ ޛިކުރާ އައު ކުރެވޭ ދުވަހެވެ. މިއަދަކީ ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ޤާއިމު ކުރެވުނުތާ 57 އަހަރު ފުރޭ ދުވަސްވެސްމެއެވެ. 1968ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވީ އަންގާރަ ވިލޭރޭ 00:00ގައި ދިވެހި ރަސްކަމުގައި ނިމުމުގެ ސިއްކަ ޖެހި އަނެއްކާވެސް ދިވެހި އުޑުދަށުން ޖުމްހޫރިއްޔަތެއްގެ އަލިކަން ފެނިގެން ދިޔައެވެ. ދެވަނަ ފަހަރަށް ގާއިމު ކުރެވުނު މި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަށް ވެވަޑައިގެންނެވުމުގެ ޝަރަފު ހާސިލު ކުރެއްވީ އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އެދުވަހުއްސުރެ ހިނގަ ހިނގާ މި އޮތީ އެ ޖުމްހޫރިއްޔަތެވެ.