ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް ހުރުމަކީ ސިއްޙީ ޚިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށް ކޮންމެވެސް ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް ސިއްޙީ ވަޒީރު އަބްދުﷲ ނާޠިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ސިއްޙީ ލެބޯޓަރީގެ ޑިޒައިން އަދި ކޮންސަލްޓެންސީ މަސައްކަތް ޖަރުމަނުގެ ކުންފުންޏަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު އެހެން ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޤައުމީ ލެބޯޓަރީގެ މަސައްކަތް ބަޔަކާއި ހަވާލުވުމަކީ އެކަމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ މީގެ ކުރިން މިފަދަ ލެބޯޓަރީއެއް ނެތުމުން ދިމާވި ދަތިތައްވެސް ހިއްސާ ކޮށްދެއްވާފައެވެ. އެގޮތުން ބޭރަށް ފޮނުވައިގެން ތަހްލީލުތައް ފުރިހަމަ ކުރަން ޖެހުމަކީ ޚަރަދު ބޮޑު ކަމެއްކަން ފާހަގަކުރެއްވިއެވެ.
މިއާއެކު ސިއްޙީ ދައިރާއަށް ވަށާޖެހޭ ހައްލެއް ގެނައުމަށް ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް ކޮންމެ ހުންނަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޤައުމީ ފެންވަރުގެ ވަރުގަދަ ލެބޯޓަރީއެއް ހުރުމަކީ މިއަދު އަޅުގަނޑުމެން ކުރަންޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް. ތަފާތު ބޭސްތައް ތަޙްލީލު ކުރުމާއި ކާނާގެ ބާވައްތައް ތަޙްލީލު ކުރުމާއި މިފަދަ އެހެނިހެން ކަންކަމަށް އަޅުގަނޑުމެން ބަރޯސާވާން ޖެހެނީ ބޭރުގެ ލެބޯޓަރީތަކަށް. މިކަމުގެ ސަބަބުން ހިނގާ ވަގުތު އިތުރުވެ ޚަރަދު ބޮޑުވެ އެންމެ އެކަށީގެންވާ ވަގުތުގައި ރައްޔިތުންނަށް ދިނުމަށް ވަނީ ގޮންޖެހުމަކަށްވެފައި" ވަޒީރު ވިދާޅުވިއެވެ.
ޖަރުމަނުގެ ޖައިޓެކް އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާ މިމަޝްރޫޢު ކުރިއަށް ގެންދަން ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ 12 ފަނގިފިލާގެ އިމާރާތެއްކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ މިތަނުން މިދާއިރާއަށް މުވައްޒަފުން ތަމްރީނު ކުރުމަށްވެސް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން މިވަގުތު ރޯޝަނީ ބިލްޑިންގައި ހިންގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ލެބޯޓަރީވެސް މިތަނަށް ބަދަލު ކުރެވިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސިއްޙީ ވަޒީރު ވަނީ ޤައުމީ ސިއްޙީ ލެބޯޓަރީގެ ޚިދުމަތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މިތަނަކީ ޒަމާނީ ގިނަ ވަސީލަތްތަކާއެކު ތަރައްޤީ ކުރެވޭ ލެބޯޓަރީއަކަށްވާއިރު، އެތަނުގައި ބަޔޯސެފްޓީ ލެވެލް 3 މިންގަނޑުގެ ލެބުތައް ހުންނާނެ ކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.