ޚަބަރު

ޤައުމީ ޞިއްޙީ ލެބޯރޓަރީގެ ފީސިބިލިޓީ ހެދުމާއި، ޑިޒައިންކުރަން ޖަރުމަނުގެ ކުންފުންޏަކަށް


  • ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ

  • 145 ދުވަހުގެ ތެރޭގައި ޑިޒައިންގެ މަސައްކަތް ނިންމަންޖެހޭ

  • މި އިމާރާތް ތަރައްގީ ކުރުމަށްހަމަޖެހިފައިވަނީ 12 ފަންގިފިލާއަށް

ޤައުމީ ޞިއްޙީ ލެބޯރޓަރީ އެޅުމަށްޓަކާ ފިސިބިލިޓީ ސްޓަޑީ ހެދުމާއި، ޢިމާރާތް ޑިޒައިންކުރުމާއި، ކޮންސްޓްރަކްޝަން ސުޕަވައިޒް ކުރުމަށް ޖަރުމަނުގެ ކުންފުންޏެއްކަމުގައިވާ ޖައިޓެކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާއިން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲއެވެ. އަދި ޖައިޓެކް ކޮންސަލްޓިންގ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ހެލްތު އެންޑް ސޯޝަލް އިންފްރާސްޓްރަކްޗަރ، ކްރިސްޓިއަން ޖެމިނޮންއެވެ.

މިމަސައްކަތް ކުރުމަށް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 1،230،160.64 ޑޮލަރު ނުވަތަ 18.9 މިލިޔަން ރުފިޔާއަށެވެ. މި މަސައްކަތުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު 145 ދުވަހުގެ ތެރޭގައި ޑިޒައިންގެ މަސައްކަތް ނިންމުމަށްފަހު ކޮންސްޓްރަކްޝަން މަސައްކަތުގެ ޓެންޑަރ ޑޮކިޔުމަންޓްސް ތައްޔާރުކުރުމާއި، ކޮންސްޓްރަކްޝަން ސުޕަވަވިޝަން މަސައްކަތް ކުރިޔަށްގެންގޮސް ޑިފެކްޓް ލައިބިލިޓީ ޕީރިއަޑް ނިމެންދެން މަސައްކަތް ބެލެހެއްޓުމަށް ހަވާލުކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ ލެބޯރޓަރީ މިވަގުތު ހިންގަމުން ދަނީ ސިއްޙީ ވުޒާރާ ހިންގަމުންދާ އިމާރާތުގައެވެ. އޭގެސަބަބުން ތަނުގެ ޖާގައިގެ ދަތިކަން ހުރިގޮތުން، މި ހިދުމަތް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ. ހުޅުމާލޭގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ މި ލެބޯޓަރީއަކީ ބަޔޯސޭފްޓީގެ ލެވެލް 3ގެ މިންގަނޑުތަކަށް ތަރައްގީކުރެވޭ އެޑްވާންސް ފެންވަރުގެ ލެބޯޓަރީއެކެވެ. މި އިމާރާތް ތަރައްގީ ކުރުމަށްހަމަޖެހިފައިވަނީ 12 ފަންގިފިލާއަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. މި އިމާރާތް ތަރައްގީކުރުމުގެ މަޝްރޫއަށް ފަންޑު ކޮށްފައިވަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި ދިވެހި ސަރުކާރުންނެވެ. މި މަޝްރޫޢު ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންދާނީ ފީސިބިލިޓީ ދިރާސާތަކާއި ޑިޒައިންގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިންމުމަށްފަހު، މިފެށޭ އަހަރު، ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިމާރާތްކުރުމާއި އިކުއިޕްކުރުމުގެ މަސައްކަތްތަކެވެ.

މި ލެބޯޓަރީގައި ވައިރޮލޮޖީ ރިސްކް ލެވެލް 2 އާއި 3 ވައިރަސްތައް ތަޙްލީލުކުރުމުގެ އިންތިޒާމުތައް ޤާއިމު ކުރެވިގެންދާނެކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އަދި ބެކްޓީރިއޮލޮޖީގެ ދާއިރާއިން ކުރަންޖެހޭ ތަޙްލީލުތައްވެސް ކުރުމަށް ހަމަޖެހިފައެވެ. މި މަޝްރޫޢުއާއެކު މިހާރު ޤައުމީ ޞިއްޙީ ލެބޯރޓަރީ ދެވޭ ކާބޯތަކެއްޗާއި ބޭސް ތަހުލީލު ކުރުމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވޭނެކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ ވަޞީލަތްތައް ޤާއިމް ކުރާނެއެވެ. މީގެ ތެރޭގައި ރާއްޖެއަށް އެތެރެކުރެވޭ އަދި ރާއްޖެއިން ބޭރުކުރެވޭ މިފަދަ ތަކެތި ތަހުލީލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން، މި ލެބޯޓަރީގައި މައިކޮލޮޖީ (ފަންގަސް ދިރާސާކުރުން)، އެންޓޮމޮލޮޖީ (ސޫފާސޫފި ދިރާސާކުރުން) އަދި ޕެރަސައިޓޮލޮޖީ (ދިރޭ ސޫފާސޫފީގެ ބަލިޖައްސާ ފަނިފަކުސަ ދިރާސާކުރުން) ގެ ދާއިރާތަކުން ދިރާސާތަކާއި ތަހުލީލުތައް ކުރެވޭނެއެވެ. އަދި ޞީއްޙީ ދާއިރާއިން ކުރަން ބޭނުންވާ ދިރާސާތައް ކުރުމުގެ މަގު ފަހިވެ ފުރުޞަތު ހުޅުވިގެންދާނެއެވެ. މި އިމާރާތުގައި ޤައުމީ އިންފްލުއެންޒާ ސެންޓަރ ވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޤައުމީ ޞިއްޙީ ލެބޯޓްރީގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މި އިމާރާތަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އިމާރާތުން މުވައްޒަފުންނަށް ޒަމާނީ ވަސީލަތްތަކާއެކު މަސައްކަތްކުރެވޭނެ ފެންވަރު ރަނގަޅު މާޙައުލަކާއި އެހެނިހެން ގިނަ ޚިދުމަތްތަކެއް ފޯރުކޮދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަލްޓިޕާރޕޯސް ހޯލް، ލައިބްރަރީ، ޖިމް، ރެކްރިއޭޝަން، ޗައިލްޑްކެއަރ، އެކަމަޑޭޝަން، ކެފެޓީރިއާ، ނަމާދުކުރާ ތަން އަދި ވެހިކަލް ޕާކުކުރެވޭނެ ސަރަޙައްދު ހިމެނޭނެއެވެ. މީގެ އިތުރުން، މި އިމާރާތުގައި ކުނި މެނޭޖްކުރުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތަކާއި، މެޑިކަލް އަދި ނޮން-މެޑިކަލް ތަކެތި ރައްކާކުރާނެ ތަންތަނާއި، ކޯލްޑްޗެއިން ފެސިލިޓީތަކުގެ އިތުރުން ބަޔޯމެޑިކަލް ވަރކްޝޮޕެއްވެސް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ލެބޯޓަރީ ދާއިރާ އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި ރިސާރޗް އެންޑް ޑިވެލޮޕްމަންޓް މަސައްކަތްތައް ކުރިއެރުވުމާއެކު، މި ދާއިރާއިން ފަންނީ މާހިރުން ބިނާކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި، އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ ސްޓޭންޑަޑައިޒޭޝަންގެ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.