ކުރިޔަށް އޮތް ބައިނަލްއަގްވާމީ މެޗުގައި ގައުމީ ޓީމަށް ރަނގަޅު ކުޅުމެއް ދެއްކުމަށްފަހު ކުޅުންތެރިން ރަނގަޅު ކޮންޑިޝަނެއްގައި އެނބުރި އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުންޏެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބައިނަލްއަގްވާމީ މެޗަށް މެދު ކަނޑާލުމުގެ ކުރިން މާޒިޔާއިން ކުޅުނު ފަހު މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހެނާންޑޭސް ބުނީ މިއީ ގައުމި ޓީމުގެ ކޯޗަށް ކުޅުންތެރިންގެ ފެންވަރު ވަޒަންކޮށްލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ދެކޭ ކަމަށެވެ.
ގައުމީ ޓީމަށް ކުރިޔަށް އޮތީ ނޮވެމްބަރު 18 ގައި ފިލިޕީންސް އާއި ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗެވެ. މި މެޗަށް ޕްރިމިއާ ލީގުގެ ކުޅުން މެދު ކަނޑާލުމުގެ ކުރިން މާޒިޔާއިން ކުޅުނު ފަހު މެޗަކީ އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށް 7 ނޮވެމްބަރުގައި ކުޅުނު މެޗެވެ.
އެ މެޗާއި ގުޅޭ ގޮތުން ހެނާންޑޭޒް ބުނީ އެއީ އުނދަގޫ މެޗެއްކަމަށާއި، އެހެންނަމަވެސް ބަލި ނުވެ ފަހު ވަގުތު މެޗު ނިންމާލެވުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.
އެ މެޗުގައި އޮޑިން މާޒިޔާ ހިފަހައްޓައިގެން ކުޅެމުންދަނިކޮށް އިތުރު ވަގުތުގައި މާޒިޔާގެ ހަމްޒާ މުޙައްމަދު ކާމިޔާބު ކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ވަނީ އެ މެޗު ކާމިޔާބުކޮށްފައެވެ.
ހެނާންޑޭސް ބުނީ އެ މެޗުގެ ފުރަތަމަ ހާފާއި ދެވަނަ ހާފުގައިވެސް ފުރުސަތުތައް އުފައްދަން މާޒިޔާއިން މަސައްކަތް ކުރިކަމަށާއި، އެހެންނަމަވެސް މާގިނަ ފުރުސަތުތަކެއް ނުލިބުނު ކަމަށެވެ. އޮޑިން ކުޅުނީ ވަރަށް ރަނގަޅަށް ކަމަށާއި، އެހެންނަމަވެސް އެ ޓީމަށްވެސް މާގިނަ ފުރުސަތުތަކެއް އުފެއްދިފައި ނެތްކަމަށް ހެނާންޑޭޒް ފާހަގަކުރިއެވެ.
މާޒިޔާ އިން ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ މޮޅުވުމުގެ ރެކޯޑާއެކު 7 މެޗުން މޮޅުވެ 21 ޕޮއިންޓް ހޯދައިގެން އެ ކުލަބު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ހެނާންޑޭޒް ބުނީ ތާވަލުގެ އެއްވަނައިގައި އޮތުމަކީ ހިތްހަމަޖެހުމެއް ކަމަށާއި ކުރިޔަށް ހުރި މެޗުތައް ކާމިޔާބުކުރުމަށްވެސް މަސައްކަތް ކުރާނެ ކަމަށެވެ.
މާޒިޔާއިން ދިވެހި ޕްރިމިއާ ލީގުގައި ދެން އެންމެ އަވަހަށް އޮންނާނީ ނޮވެމްބަރ 22 ގެ ހަވީރު ވިކްޓަރީ ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅޭ މެޗެވެ.