ސޫރިޔާ އާއި ޔަހޫދީންނާ ދެމެދު ސަލާމަތީ އެއްބަސްވުމެއް ޤާއިމުކުރަން އެހީތެރިވުމުގެ ގޮތުން، ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އަސްކަރީ ވައިގެ މަރުކަޒެއްގައި އެމެރިކާ ސިފައިން ޤައިމުވެތިބެން ނިންމާފައިވާކަމަށް، އެކި މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނެފިއެވެ.
ސޫރިޔާ އާއި ޔަހޫދީންނާ ދެމެދު ގުޅުން ވަރުގަދަކުރަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ގެންދަވަނީ ބާރުއަޅުއްވަމުންނެވެ.
އަދި ސޫރިޔާގެ ދެކުނުގެ މުޙިންމު ސަރަޙައްދެއްގައި ހުންނަ މި ވައިގެ މަރުކަޒަކީ، ސޫރިޔާ އާއި ޔަހޫދީންގެ މެދުގައި ސުލްޙަ ޤާއިމުކޮށްފައިވާ ބޭއްވުމަށް މުޙިންމު ދަޢުރެއް އަދާކުރާނެ މަރުކަޒެއްގެ ގޮތުގައި ތަފާތު ހަ އޮފިޝަލަކާ ޙަވާލާދީ އެ ނޫހުން ބުނެފައިވެއެވެ.
އެ މަރުކަޒުގައި އެމެރިކާ ސިފައިން ބައިތިއްބަނީ، ޔަހޫދީންނާއި ސޫރިޔާއާ ދެމެދު ސޮއިކުރުވަން އެމެރިކާއިން މަސައްކަތް ކުރަމުންދާ އެއްބަސްވުމަށް ދެ ފަރާތުންވެސް އިޙްތިރާމް ކުރޭތޯ ޔަޤީންކުރުމުގެ ބޭނުމުގައި ކަމަށް އެ ނޫހުން ބުންޏެވެ.
މިފަދަ ނިންމުމެއް ނިންމާފައިމިވަނީ، ޓްރަމްޕްއާ ބައްދަލުކުރައްވަން، ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢު، އަންނަ ހޯމަ ދުވަހު އެމެރިކާއަށް ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވަނިކޮށެވެ.
މިއީ ސޫރިޔާގެ އެންމެ އިސް ވެރިއަކު އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ނަމަވެސް، އެމެރިކާގެ ސިފައިން ދިމިޝްޤަށް ފޮނުވާނެ ސީދާ ތާރީޚެއް އަދި މުޅީން ނިންމާފައެއް ނުވެއެވެ.
ޝަރާޢު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، ސޫރިޔާގައި އެމެރިކާ ސިފައިން ތިބޭނަމަ، ސޫރިޔާގެ އައު ސަރުކާރުގެ ރުހުން އޮންނަންޖެހޭނެއެވެ.
އެމެރިކާގެ ރައީސްގެ މަޤާމާ ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުން ސޫރިޔާގައި ހުރި އެމެރިކާގެ ހަތަރު އަސްކަރީ މަރުކަޒަކުން ސިފައިން ވަނީ ބާލައިފައެވެ. ޓްރަމްޕް ވިސްނަވާފައި ވަނީ ސޫރިޔާގައި ހުރި އަށް އަސްކަރީ މަރުކަޒު އެންމެ މަރުކަޒަކަށް މަދު ކުރައްވާށެވެ. އެ މަސައްކަތުގެ ދަށުން ސޫރިޔާގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު 2،000ން 1،000އަށް މަދު ކުރާނެ ކަމަށް އެމެރިކާ ސަރުކާރުން މިދިޔަ އޭޕްރީލް މަހު ބުނެފައިވެއެވެ.