މިމަހުގެ 2 ވަނަ ދުވަހު ކޮޅިވެއްޓި ބަންޑުންޖަހާލި ހާދިސާގައި ކެޕްޓަން އަތުގައި އެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ބުނެފައިވަނީ އެ ފަރާތުގެ ލައިސަންސްގައި އެ އުޅަނދު ދުއްވުމުގެ ކެޓަގަރީ ނުހިމެނޭތީކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން ވިދާޅުވެއްޖެއެވެ.
އެމްޕީއެލްއިން މިހެން ވިދާޅުވީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅޭގޮތުން 6 އެމްޕީއެލްއިން ނެރުއްވި ނޫސް ބަޔާނުގައި ހިމެނޭ މަޢުލޫމާތެެއް އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ހިއްސާކުރެއްވި މައުލޫމާތެއްގައެވެ.
އެމްޕީއެލްއިން ވިދާޅުވީ ކޮޅުވެއްޓިގެ ކެޕްޓަން އަތުގައި އެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ބުނެފައިވަނީ އެ ފަރާތުގެ ލައިސަންސްގައި އެ އުޅަނދު ދުއްވުމުގެ ކެޓަގަރީ ނުހިމެނޭތީކަމަށެވެ. އަދި އެކަން އެ ކުންފުނިން ވާނީ ކަމާ ގުޅޭ ވުޒާރާއިން ކަށަވަރުކޮށްފައިކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ.
އެމްޕީއެލްއިން ވިދާޅުވީ އެ އުޅަނދު ދުއްވުމަށް 100 ގްރޮސް ޓަނޭޖަށްވުރެ މަތީ އުޅަނދު ދުއްވުމުގެ ކެޓެގަރީ ލައިންސްގައި ހިމަނަންޖެހޭކަމަށެވެ.
މި ބޯޓު ބަންޑުން ޖަހާލީ ލޭންޑިން ކްރާފްޓަރަކަށް 2 އެކްސްކަވޭޓަރ ބަރުކުރުމުގެ ތެރޭގައެވެ. މި ހާދިސާގައި އެމްޕީއެލްގެ ދެ މުވައްޒަފަކު ނިޔާވިއެވެ. މި ހާދިސާއާ ގުޅިގެން އެމްޕީއެލްއިން ވަނީ އެތެރޭގެ ތަހުޤީގެއް ހިންގަވާފާއެވެ. އަދި މި ތަޙުޤީޤުގެ ޢިބްތިދާޢީ ހޯދުންތައް މިހާރު ވަނީ ޢަންމުކުރައްވާފައެވެ.
މި އޮޕަރޭޝަންގައި 2 އެކްސްކެވޭޓަރ އެރުވުމަށް މުދާ އެތެރެކުރި ފަރާތް ހަމަޖެއްސި ލޭންޑިންގ ކްރާފްޓް ދުއްވަންހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަމަށް އެމްޕީއެލްގެ ތަޙުޤީޤުގެ ޢިބްތިދާޢީ ހޯދުންތަކުން ވަނީ އެނގިފައެވެ.
އެމްޕީއެލްއިން ވިދާޅުވީ އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ ކަށަވަރުކޮށްދޭންޖެހޭ ފަރާތަކީ އުޅަނދުގެ ކެޕްޓަން ކަމަށެވެ. އަދި ކެޕްޓަން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން 2 އެކްސްކެވޭޓަރ ލޭންޑިންގ ކްރާފްޓްގައި ބެހެއްޓުމަށްފަހު، ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގިކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. އެހެންނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިންގ ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރ އެއް ފަރާތަކަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލުމަށް މެދުވެރިވި ސަބަބުކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.