ޚަބަރު

އައްޑޫ ސިޓީގެ ގުޅިފައިވާ ތިންރަށެއްގައި 200 ހައުސިންގ ޔުނިޓް ތަރައްޤީކުރަން އެޗްޑީސީއާ ހަވާލުކޮށްފި


  • ހައުސިންގ ޔުނިޓްތައް ތަރައްޤީކުރަނީ ފޭދޫއާއި، މަރަދުއާއި، ހިތަދޫގައި

އައްޑޫ ސިޓީގެ ގުޅިފައިވާ ތިން ރަށެއްގައި 200 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ހަވާލުކޮށްފިއެވެ.

ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެތެރެއިންނެވެ.

މި މަޝްރޫޢުގެ ދަށުން ހައުސިންގ ޔުނިޓް ތަރައްޤީކުރަނީ އައްޑޫ ސިޓީ ފޭދޫގައި 50 ހައުސިންގ ޔުނިޓް، މަރަދޫގައި 50 ހައުސިންގ ޔުނިޓް އަދި ހިތަދޫގައި 100 ހައުސިންގ ޔުނިޓެވެ.

މިރަށްރަށުގައި ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރެވެ.