ހުޅަނގުގެ ޤައުމުތަކުން ރަޝިޔާއާއި އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ތެޔޮބޯޓު ފަހަރުގައި ގިނަ ޢަދަދެއްގެ ތެޔޮ ތާށިވެފައި ހުރި ކަމަށާއި އެ ތެޔޮ ބާޒާރަށް ނެރެވޭނެ ގޮތެއް ނެތް ކަމަށް ސްވިޒަލެންޑުގެ ތެޔޮ ކުންފުންޏެއް ކަމަށްވާ ގޫންވޯ ގްރޫޕުން ބުނެފިއެވެ.
2022ވަނަ އަހަރުން ފެށިގެން ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ވިލާތުގެ އިއްތިޙާދާއި އިނގިރޭސިވިލާތާއި އެމެރިކާއިން ވަނީ ރަޝިޔާއާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން މިދިޔަ މަހުގެ ތެރޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ އެންމެ ބޮޑު ދެ ތެޔޮ ކުންފުންޏާ ދެކޮޅަށް އަޅާފައިވާ ފިޔަަވަޅުތައް ހިމެނެއެވެ. އެ ފިޔަވަޅުތަކުގެ ބޭނުމަކީ ރަޝިޔާއިން ބައިނަލްއަަޤްވާމީ ބާޒާރަށް ތެޔޮ ވިއްކުމަށް ހުރަސްއެޅުމެވެ. ތެލުގެ ވިޔަފާރިން ރަޝިޔާއަށް ބޮޑު އާމްދަނީއެއް ލިބެއެވެ.
ގޫންވޯ ގްރޫޕުގެ ސީއީއޯ، ޓޯބަރން ޓަރންވިސްޓް ވިދާޅުވީ ދުނިޔެއަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ތެޔޮ އުފައްދަމުން ދާތީ ތެޔޮ ވިއްކުމުގައި ދިމާވެފައިވާ ދަތިތަކުން ކުރިމަތިވާ ގެއްލުންތައް ނިސްބަތުން ކުޑަ ކަމަށެވެ. ތެލުގެ އަގަށް މާ ބޮޑު ބަދަލެއް ނައިސް އޮތީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ހުޅަނގުގެ ފިޔަވަޅުތަކުގެ ސަބަބުން ހީނުކުރާހާ ގިނަ ޢަދަދެއްގެ ތެޔޮ ފޯރަންޖެހޭ ފަރާތްތަކާ ހަމައަށް ނުފޯރާ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ތެޔޮ ވިއްކޭނެ އައު މަގުތައް ތަނަވަސްވަންދެން އެ ތަކެތި ހުރީ ކަނޑުގައި ދަތުރުކުރަމުންދާ ތެޔޮ ޓޭންކަރުތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ބޭނުންވާ މިންވަރަށްވުރެ މާ ގިނައިން ބާޒާރުގައި ތެޔޮ ލިބެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ތެލުގެ އަގު ވަނީ ވިދިވިދިގެން ތިން ވަނަ މަހަކަށް ދަށަށް ގޮސްފައެވެ. އޭގެ މައިގަނޑު ސަބަބަކީ ބޭނުންވާ މިންވަރަށް ވުރެ ގިނަ ޢަދަދަށް ތެޔޮ އުފައްދާފައިވުން ކަމަށެވެ.