ޚަބަރު

ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފަށައިފި


  • ސީޓީ ސްކޭންގެ ޚިދުމަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ

ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ.

ފުވައްމުލަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ހޮސްޕިޓަލުގައި ސީ.ޓީ ސްކޭންގެ ޚިދުމަތް ފަށްޓަވައިދެއްވައި، އެތަން ބައްލަވާލައްވާފައެވެ.

އަރިހުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމާއި އެ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުވައްމުލަކުގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެސިޓީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ޚިދުމަތަކީ ސީޓީ ސްކޭންގެ ޚިދުމަތްކަން އެރަށު ހޮސްޕިޓަލުން ފާހަގަކުރެއެވެ.

މި މައްސަލައަށް ޙައްލެއް ގެނެސްދިނުމުގެ ގޮތުން ސިއްޙީ ވުޒާރާއިން އެ ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފެށުމަށް، އިމާރާތަށް ބައެއް ބަދަލު ގެނެސް، ޖާގަ އިތުރުކުރުމުގެ މަސައްކަތް އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. މިއީ ދެމިލިޔަން ނުވަލައްކައަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ.

12000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކު ސިޓީގައި ޞިއްޙީ ޚިދުމަތް ދިނުމުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަން ޙައްލުކުރުމަށް ސަރުކާރުން ވަނީ އައު ޢިމާރާތެއް 2022 އަހަރު ތަރައްޤީކޮށްފައެވެ.