ޚަބަރު

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ


  • އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން ރޭ އިރާކޮޅުގެ ވަގުތެއްގައި

  • އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރު

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ތަޢުލީމަށާއި ލިޔުންތެރިކަމަށާއި އަދަބިއްޔާތައް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި އިސްލާމްދީނަށް ހޭލުންތެރިކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ ޢިލްމުވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ލޮބުވެތި އަނބިކަނބަލުން ސާމިޔާ ލަޠީފް އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

މަރްޙޫމާ ސާމިޔާ ލަޠީފް މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުއާ ދަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން ސާމިޔާ ލަޠީފް އަވަހާރަވީ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.