އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތު އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށް ތާވަލުގެ ދެވަނަ މަގާމް ހޯދައިފި އެވެ. 
މި ނަތީޖާ އާއިއެކު ސިޓީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން 19 ޕޮއިންޓާއެކު ދެވަނަ ލިބިފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 25 ޕޮއިންޓެވެ. މި މެޗުން ބަލިވި ބޯންމަތު އަށް ލިބިފައިވާ 18 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ. 
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބޯންމަތުއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ސިޓީ އިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ބޯންމަތުގެ ގޯލަށް އަމާޒުކޮށް އަށް ހަމަލައެއް އުފައްދާފަ އެވެ. 
ސިޓީ އަށް މި މެޗުގައި ލީޑު ނަގައިދީފައިވަނީ މެޗުގެ 17 ވަނަ މިނިޓުގައި އާލިން ހާލަންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. 
ނަމަވެސް މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންދާ ބޯންމަތު އިން ވަނީ އޭގެ އަށް މިނިޓު ފަހުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޓައިލަރ އެޑަމްސް އެވެ. 
މި މެޗުގައި މެންޗެސްޓަރ ސިޓީ އިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 33 ވަނަ މިނިޓުގައި އާލިން ހާލަންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ އޭނާ މި ސީޒަނުގައި ޕްރިމިއާ ލީގުގައި ޖެހި 13 ވަނަ ލަނޑެވެ. އަދި ގައުމީ ޓީމަށާއިއެކު ހުރިހާ މުބާރާތެއްގައި ޖެހި ލަނޑުގެ އަދަދު ވަނީ 26 އަށް އަރާފަ އެވެ. 
މެންޗެސްޓަރ ސިޓީ އިން ގިނަ ފުރުސަތުތަކެއް ހޯދާފައިވާ މި މެޗުގައި އެ ޓީމުން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 60 ވަނަ މިނިޓުގައި ފިލް ފޯޑެންގެ އެސިސްޓަކުން ނިކޯ އޮރެއިލީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.