ޚަބަރު

ޔޫވީ އަތުން ހޯދި މޮޅާއެކު ވިކްޓަރީ ހަތަރު ވަނައަށް


  • []

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ހޯދި މޮޅާއެކު ވިކްޓްރީ ސްޕޯޓްސް ކުލަބުން ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ. ވކްޓަރީ މެޗު ކާމިޔާބުކުރީ 1-0 ލަނޑުންނެވެ.

ޔޫވީ އަތުން ހޯދި މޮޅާއެކު ވިކްޓަރީން ކުރިއަށް ޖެހިލީ 6 މެޗުން ހޯދި 9 ޕޮއިންޓާއެކުވެ. ޔުވީން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ހޯދިފަ ނުވާއިރު އެޓީމު އޮތީ 6 މެޗުން ލިބުނު 4 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގައެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ދެޓީމުން ވެސް ހަމާލަތައް އުފެއްދުމުގައި ނާކާމިޔާބު ވީއިރު ރަނގަޅު އެޓޭކެއް ވެސް ދެޓީމަށް އުފެއްދިފައެއް ނުވެއެވެ. މެޗުގެ 14 ވަނަ މިނިޓުގައި ވިކްޓަރީގެ މުހައްމަދު އަސްފާން އޭރިޔާ ބޭރުން ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑިމަތިންނެވެ.

ފުރަތަމަ ހާފުގެ 24 ވަނަ މިނިޓުގައި ޔޫވީގެ މިސްރު ފޯވާޑް މުސްތަފާ މަހްމޫދް އެލްޝާޒްލީ ހާފުގެ މެދެއްހާ ހިސާބުގެ ހުރެފަ ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
މެޗުގެ 70 ވަނަ މިނިޓުގައި ޔޫވީގެ އިޝްއާފް މުހައްމަދު ފިރާގު ފޮނުވާލި ހަމަލާއެއް ވެސް ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

މެޗުގެ ފެނިގެންދިޔަ ހަމަ އެކަނި ލަނޑަކީ ވިކްޓަރީ ހުސެން ނިޔާޒް މުހައްމަދު އޭރިއާ ތެރެއަށް ވަދެ ދިންބޯޅަ އެއް އެޓީމުގެ ބްރެޒިލް ފޯވާޑް ލަޑްމީރް އެވެޓަން ޑަސިލްވާ ފުރަތަމަ ފޮނުވާލުމުން ބްލޮކްވި ބޯޅަ ދެވަނަ ފަހަރު ލބުމުން އޭނާ ވަނީ ގޯލުގެ ދުރުކަނަށް ބޯޅަ ވައްދާލާފައެވެ.

ވިކްޓަރީން ލީގުގައި ދެން ނުކުންނާނީ ޒަމާންވީ ވާދެވެރިއާ ކުލަބް ވެލެންސިޔާ ދެކޮޅަށެވެ.