 
										
			ޔަހޫދީންނަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމުަތުގައި ޔަމަނުގައި ހައްޔަރުކޮށްފައިވާ އދގެ މުވައްޒަފުންގެ މައްޗަށް ދަޢުވާކޮށް ޝަރީޢަތް ހިންގާނެ ކަމަށް އެ ޤައުމުގެ ޙޫޘީ ސަރުކާރުން ބުނެފިއެވެ.
މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޔަހޫދީން ވަނީ ޙޫޘީންނަށް އަމާޒުކޮށް ޔަމަނުގެ ވެރިރަށް ޞަންޢާއަށް ވައިގެ ޙަމަލާތައް ދީ، ބޮޑުވަޒީރާއި ވަޒީރުން ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ ސަރުކާރުގެ އިސްވެރިން ޝަހީދުކޮށްލައިފައެވެ. މިއީ ސަރުކާރުގެ އިސް ވެރިންތަކެއް ޝަހީދުވި މި ފަދަ ފުރަތަމަ ޙަމަލާއެވެ.
އެ ޙަމަލާއަށް ފަހު އދގެ 36 މުވައްޒަކު ޔަމަނުގައި ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ޝަރީޢަތް ހިންގަނީ ކިތައް މީހުންގެ މައްޗަށް ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ޙޫޘީންގެ އެކްޓިންގ ޚާރިޖީ ވަޒީރު، ޢަބްދުލް ވާހިދު އަބޫ ރައުސް ވިދާޅުވީ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ އިދާރާ، ޑަބްލިޔުއެފްޕީގެ ތެރޭގައި އޮންނަ ޖަމާޢަތެއްގެ ސީދާ ބައިވެރިވުން ޙޫޘީ ސަރުކާރަށް ޙަމަލާ ދިނުމުގައި އޮތް ކަމަށެވެ. ސަލާމަތީ ބާރުތަކުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަކީ ޤާނޫނުން އެ ކަމަށް ބާރުދޭ ފިޔަވަޅުތަކެއް ކަމަށާއި، ޝަރުޢީ ދާއިރާގެ ފުރިހަމަ ބެލުމުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފިޔަވަޅުތައް އެޅުމުގައި ކޮންމެ މަރުޙަލާއެއްގައި ވެސް ދަޢުވާ ކުރުމުގެ މަސައްކަތް ކުރާ ޕަބްލިކް ޕްރޮސެކިއުޝަން އޮފީހާ މަޢުލޫމާތު ޙިއްޞާ ކުރަމުން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ކުރިއަށް ދަނީ ތަހުޤީޤުގެ ފަހު މަރުޙަލާތައް ކަމަށާއި ވަރަށް އަވަހަށް ޝަރީޢަތް ފެށި، މައްސަލަ ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔަހޫދީންނަށް ޖާސޫސްކޮށްދިނުމުގައި އދގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ޙޫޘީން ތުހުމަތު ކުރި ނަމަވެސް، އެ ޙަމަލާގައި އދއާއި އދގެ މުވައްޒަފުންގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް އެ އިދާރާއިން ދަނީ ތަކުރާރުކޮށް ބުަނަމުންނެވެ.
އދން ބުނީ އެ އިދާރާއަށް ނިސްބަތްވާ 59 މީހަކު ޙޫޘީންގެ ބެލުމުގެ ދަށުގައި ތިބި ކަމަށެވެ. ބަންދުގައި ތިބި މީހުންނަކީ ޔަމަނުގެ ރައްޔިތުންނަށް ވެފައި، އެ ޤައުމުގެ ޤާނޫނުގެ ދަށުން އެ މީހުންނަށް މަރުގެ އަދަބު ދިނުން އެކަށީގެންވެއެވެ. އދން ވަނީ ފުރިހަމަ ޤާނޫނީ ސަބަބެއް ނެތި އެ މީހުން ބަންދުކުރުން ކުށްވެރިކޮށްފައެވެ. އަދި މިހާރުން މިހާރަށް އެ މީހުން މިނިވަން ކުރުމަށް އެ އިދާރާއިން ވަނީ ގޮވާލައިފައެވެ.