ކުޅިވަރު

އެއްވަރުވީ ގޯސްތަކެއް ހެދިގެން، ކުދިކުދި ބަދަލުތައް ޓީމަށް އަންނާނެ: ސުޒެއިން


  • • ނިއުރޭޑިއަންޓުން ދެން އެންމެ އަވަހަށް ނުކުންނާނީ މާދަމާރޭ ބުރު ސްޕޯޓްސް ކުލަބާ ވާދަކުރުމަށް

  • • ޓީމުގެ ކުޅުން ރަނގަޅުކުރެވޭނެ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް އީގަލްސްއާ ވާދަކޮށް 0-0ގެ ނަތީޖާއަކުން އެއްވަރުވީ ކުޅުންތެރިންނަށް ގޯސްތަކެއް ހެދިގެންކަމަށާ ކުރިއަށް އޮތްތަނުގައި ޓީމަށް ކުދިކުދި ބަދަލު އަންނާނެކަމަށް ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

މެޗުން ލިބުނު ޕޮއިންޓާއެކު 13 ޕޮއިންޓު ހަމަކޮށް ލީގު ތާވަލުގެ ދެވަނައަށް ޖެހިލި މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ސުޒެއިން ބުނީ ދަނޑަށްއެރީ މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓު ހޯދުމުގެ އަޒުމުގައިކަމަށާ އެހެންނަމަވެސް އެ އުންމީދު ހާސިލްނުކުރެވުމުން ނުތަނަސްވަސްކަމެއް ލިބިއްޖެކަމަށެވެ. އަދި އެމެޗުން ލިބުނު ތަޖުރިބާއާ މެދު ވިސްނާ ކުރިއަށްހުރި މެޗުތަކަށް ތައްޔާރުވާނެކަމަށް އޭނާ ބުންޏެވެ.

"ނަތީޖާ ދެން ކޮންމެގޮތެއްވިޔަސް ޕޮއިންޓު ގެއްލުނީމަ އެއީ ހިތްހަމަޖެހުމެއް ނޫން. ދެން ނަތީޖާއަށްވުރެ ދެން ވިސްނަންޖެހޭ އިތުރު ކަންތައްތަކެއް މިދިޔައީ. އެހެންޏާ އެކުޅޭގޮތަށް ކުޅުމުގެ ފުރުސަތު ހަމަ ގައިމުވެސް ނުލިބުނު. ގައިމުވެސް ނުކުޅެވުނު. އެހެންވީމަ އެއީ ވިސްނަންޖެހޭކަމެއް" ސުޒެއިން ބުންޏެވެ.

މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ސުޒެއިން ބުނީ އީގަލްސްއަކީ މޮޅު ޓީމެއްކަމަށެވެ. އަދި އީގަލްސްއިން ބުރު ސްޕޯޓްސްއާ ވާދަކުރި މެޗަކީވެސް އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗެއްކަމަށް ސުޒެއިން ފާހަގަކުރިއެވެ. އެހެންކަމުން އީގަލްސްއަކީ ވާދަކުރާ ޓީމުތަކުގެ ތެރެއިން ވަރަށް ބޮޑަށް ވިސްނައިގެން ވާދަކުރަންޖެހޭ ޓީމެއްކަމަށް ސުޒެއިން ސިފަކުރިއެވެ.

ސުޒެއިން ބުނީ ނިއުރޭޑިއަންޓާ އީގަލްސް ބައްދަލުކުރި މެޗުގައި ނިއުރޭޑިއަންޓަށް ގޯސްތަކެއް ހެދުނުކަމަށެވެ. މީގެ ކުރިން އެޓީމަކީ ބޯޅަ ހިފަހައްޓައިގެން ކުޅޭ ޓީމެއް ނަމަވެސް އެމެޗުގައި ފެނުނީ ކުޅުންތެރިން ފަހަތަށްޖެހި ކުޅުނު މަންޒަރުކަމަށް އޭނާ ފާހަގަކުރިއެވެ.

"އެންމެ ބޮޑު މައްސަލައަކީ ދެން ނިއުރޭޑިއަންޓު އާންމުކޮށް ދެން މިދިޔަ ހަތަރު މެޗުގަވެސް ބެލީ ބޯޅަ ހިފަހައްޓައިގެން ކުޅެލެވޭތޯ. އެކަމު މިމެޗުގަ މިފެނުނީ އެއަށްވުރެ ބޮޑަށް ތަންކޮޅެއް މާއަވަހަށް ޑިފެންސްފަހަތަށް ދިގުކޮށް ކުޅެފަ ދާން އުޅުންތަން. އެއީ ދެން އެންމެ ބޮޑު ޑިސްއެޑްވާންޓޭޖަކަށް މިވީކަމަކީ" ސުޒެއިން ބުނެފަވެއެވެ.

ލީގުގެ ކުރިއަށް ކުރި މެޗުތަކާ ނިއުރޭޑިއަންޓުން ކުރިމަތިލާއިރު ކުދިކުދި ބަދަލުތައް ފެނިގެން ދިއުން ގާތްކަމަށް ސުޒެއިން ހާމަކުރިއެވެ. އަދި ނިއުރޭޑިއަންޓުން އަބަދުވެސް މަސައްކަތްކުރާނީ އިތުރަށް ކަންކަން ރަނގަޅުކުރުމަށްކަމަށް އޭނާ ބުންޏެވެ. އަދި އުންމީދަކީ ކުރިއަށް ހުރި މެޗުތަކުގެ ނަތީޖާތައްވެސް ރަނގަޅުކުރުންކަމަށާ އެއީ ކުރެވޭނެކަމެއްކަމަށް ގަބޫލުކުރާކަމަށް ސުޒެއިން ބުނެފަވެއެވެ.

"އިތުރު ބަދަލުތައް އަންނާނެ ކޮންމެގޮތެއްވިޔަސް. މިހާރު މިއޮތީ މެޗުތައް އަނެއްހެން ބަލާއިރު ހަމަ ހަތަރު ދުވަސް، ހަތަރު ދުވަސް ހަމަ އެކަހަލަ ގޮތަކަށް. ދެން އެހެންވީމަ ކުދިކުދި ޗޭންޖެސް ގެނެވޭނީ. ރަނގަޅު ކުރެވޭނެ" ޓީމަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ސުޒެއިން ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓުން ދެން އެންމެ އަވަހަށް ނުކުންނާނީ މާދަމާރޭ ބުރު ސްޕޯޓްސް ކުލަބާ ވާދަކުރުމަށެވެ. ލީގު ތާވަލަށް ބަލާއިރު ބުރު ސްޕޯޓްސް ކުލަބު އޮތީ ކުޅުނު ފަސް މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް، ދެ މެޗުން ބަލިވެ އެއް މެޗުން އެއްވަރުވުމުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ.