ޚަބަރު

ތާރީޚީ ވޯޓު: ބާކީވެފައި އޮތް އޮތުން ނިމުމަކަށް، ސ. ހުޅުދޫ އަދި މީދޫން އެދެނީ ތަރައްޤީއަށް


  • ސިޓީ ކައުންސިލެއް އޮތް ނަމަވެސް ދެ ރަށަށް އެކަށީގެންވާ ކުރިއެރުން ނުލިބޭ

  • އަވަށެއްގެ ދަރަޖަ ދޫކޮށް ބޭނުންވަނީ ރަށުގެ ދަރަޖަ ކަމަށް ރައްޔިތުން ބުނޭ

އައްޑޫސިޓީ ކައުންސިލް އުފެދިފައިވާ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ނަގާފައެވެ. މި ވޯޓުގައި ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ އިދާރީގޮތުން ވަކިވާން ނިންމާފައިވާއިރު މިއީ އެ 2 ރަށުގެ ރައްޔިތުން އެތައް ދުވަހެއްވަންދެން ބޭނުންވެފައިތިބި ކަމެއްގެ ނިމުމެވެ.

އައްޑުއަތޮޅު ހުޅުދޫ އަދި މީދޫއަކީ އެ އަތޮޅުގެ ގުޅިފައިވާ އެހެން ރަށްތަކާއި ކަނޑަކުން ވަކިވެފައިވާ 2 ރަށް ކަމަށްވާތީ އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ދެވުނު ހިސާބުން ފެށިގެން 2 ރަށުގެ ރައްޔިތުން ދިޔައީ އިދާރީ މިނިވަންކަން ހޯދުމަށް ވަކާލާތުކުރަމުންނެވެ. މިދިޔަ ހޮނިހިރު ދުވަހު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ދެ ރަށުގެ ބޮޑު އަޢުލަބިއްޔަތަކުން ވަނީ ދެ ރަށުގައިވެސް ވަކި ކައުންސިލްތައް އުފައްދަން ފެންނަ ކަމަށް ނިންމާފައެވެ.

ހުޅުދޫ އާއި މީދޫން ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި އާންމުން ބުނަނީ ސިޓީ ކައުންސިލެއް އޮތް ނަމަވެސް އެ ދެ ރަށަށް އެކަށީގެންވާ ކުރިއެރުން ނުލިބޭ ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ މެޖޯރިޓީ ގުޅިފައިވާ ރަށްތަކުގެ ކައުންސިލަރުންނަށް އޮންނައިރު ހުޅުދޫ އާއި މީދޫއަށް އަދިވެސް ސިޓީއެއްގެ އިހުސާސް ނުކުރެވޭ ކަމަށް އެ ދެ ރަށުގެ ރައްޔިތުން ބުނެއެވެ.

"ސިޓީއަކީ އެއްފަސް ވެފައި އޮންނަ ރަށަ. އަފިރިންގެ ދެ ރަށަކީ ކަނޑެއް އޯފައި ވަކިން އޮތް ދެ ރަށަ. އެހެންވީމައި އަފިރިން ބޭނުންވެނީ އަފިރިން ރަށި" ހުޅުދޫގެ ރައްޔިތަކު އަމިއްލަ ބަހުރުވައިން ކިޔައިދިނެވެ.

އިދާރީގޮތުން ވަކިވުމަކީ ދެ ރަށުގެ ކުރިމަގަށް ނިންމި މުހިންމު ނިންމުމެއް ކަމަށާއި މިއީ ސިޔާސީ ނިންމުމެއް ނޫންކަމަށްވެސް އެ ދެ ރަށުން ވާހަކަދެެއްކި މީހުން ބުނެއެވެ. އަދި މި ބަދަލާއެކު ރަށަށް އެކިގޮތްގޮތުން ކުރިއެރުން ލިބޭނެ ކަމުގެ އުއްމީދު އޮތްކަމަށްވެސް ބުނެއެވެ.

"އަޅުގަނޑުމެން އިދާރީ ބާރުވެރިކަމެއް ބޭނުންވެގެން މިއުޅެނީ އައިޑީކާޑު ހަދާކަށްނޫން. އެކަން ކުރެވިދާނެ ފޯނުންވެސް. އަޅުގަނޑުމެން ބޭނުން އަޅުގަނޑުމެންގެ ޓޫރިޒަމް ސެކްޓަރގެން ކުރިއަށްދާން. އަޅުގަނޑުމެން ބޭނުން އަޅުގަނޑުމެންގެ ދަނޑުވެރިކަމުގެ ސެކްޓަރގެން ކުރިއަށްދާން. އެކަން ސިޓީ ކައުންސިލެއް އޮވެގެން ނުކުރެވޭނެ. އެހެންވެ އަޅުގަނޑުމެން އިދާރީ މިނިވަންކަން ބޭނުންވަނީ،" މީދޫއިން މައުލޫމާތު ދިން މީހަކު ބުންޏެވެ.

އައްޑޫ ސިޓީ އުފެއްދުމަށް 2010ވަނަ އަހަރު ނެގި ވޯޓުގައިވެސް ހުޅުދޫ އަދި މީދޫގެ ގިނަ ބަޔަކު އެ ދެ ރަށް ގުޅިގެން ސިޓީ އުފައްދަން ނުފެންނަ ކަމަށް ވޯޓު ދިނެވެ. ނަމަވެސް ސިޓީ އުފެދިގެން އައީ މުޅި އަތޮޅުގެ މެޖޯރިޓީގެ ސަބަބުންނެވެ.

ހޮނިހިރު ދުވަހުގެ ވޯޓާއެކު އައްޑޫސިޓީން އިދާރީ ގޮތުން ހުޅުދުއާއި މީދޫ ވަކިވިނަމަވެސް އެ ދެ ރަށަކީ އަދިވެސް އެ އަތޮޅުގެ ބައެއް ކަމަށް ރައްޔިތުން ބުނެއެވެ. އެގޮތުން ދެ ރަށުން ނިންމި ނިންމުމަކީ ސިޓީއެއްގެ ދަށުގައި އަވަށެއްގެ ދަރަޖައިގައި އޮތުމުން ރަށެއްގެ ދަރަޖަ ހޯދުމަށް ނިންމި ނިންމުމެއް ކަމަށް ބުނެއެވެ.