ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓަށް ޑައުން ޕޭމަންޓް ދެއްކުމަށް 14 ފަރާތަކަށް އެހީދިނުމަށް ނިންމައިފިއެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން ފާހަގަވެފައިވާކަމަށެވެ. އެގޮތުން، 14 ފަރާތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 340،000 ރުފިޔާ ޒަކާތު ފަންޑުން ދައްކައިދޭނެކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ. އަދި މިގޮތަށް ނިންމާފައިވަނީ ޒަކާތު ކައުންސިލަށް ހުށަހަޅައި މަޝްވަރާކުރުމަށް ފަހުކަމަށްވެސް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.
މި ފައިސާ ޒަކާތު ހައުސް އިން ސީދާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްދިނުމުގެ ބަދަލުގައި، ދައްކާނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާއަށެވެ. އަދި އެއަށް ފަހު، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަޤީރުކަމުގެ ޙާލަތު އަލުން ރިވިއުކޮށް ބެލުމަށް ހަމަޖެހިފައިވާކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަވައި، ފަޤީރުންގެ ކަންކަމަށް ފުޅާ ދާއިރާއެއްގައި ހޭދަކުރުމުގެ މަސްއޫލިއްޔަތު ވަނީ ޒަކާތު ހައުސްއާ ހަވާލުކުރައްވާފައެވެ. މި މަސްއޫލިއްޔަތާއެކު، ފަޤީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ޙާލަތަކަށް ގެނައުމަކީވެސް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވަރަށް މުހިއްމު މަޤުޞަދެކެވެ. އެގޮތުން، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތަޢާރުފު ކުރުމަށް ޒަކާތު ހައުސްއިން މަސައްކަތް ކުރަމުންދެއެވެ.
މި ކާޑު ތަޢާރުފް ވުމުން، ޞިއްޙީ ޚިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ޚަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރަމަޟާންމަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތަޢުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެއެވެ. މިކަންކަމަކީ، އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ ކަމެއްގެ ގޮތުގައި ޒަކާތު ހައުސްއިން ފާހަގަކުރެއެވެ.