ޚަބަރު

އައްޑޫ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓުގެ 2 ޖަނަރޭޓަރު 10 ދުވަހުތެރޭ ބޭނުންކުރަން ފެށޭނެ


  • އަލަށް 3 ޖަނަރޭޓަރެއް ވަނީ އައްޑޫއަށް ފޮނުވާފައި

  • އެއީ 1.6 މެގަވޮޓުގެ ޖަނަރޭޓަރަކާއި 1.8 މެގަވޮޓުގެ 2 ޖަނަރޭޓަރު

  • 1.8 މެގަވޮޓުގެ އެއް ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

އައްޑޫ ސިޓީއަށް އަލަށް ގެންދިޔަ 1.8 މެގަވޮޓުގެ 2 ޖަނަރޭޓަރުން ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަރަންޓު ފޯރުކޮށްދޭން ފެށޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އަލަށް 3 ޖަނަރޭޓަރެއް ވަނީ އެ ސިޓީއަށް ގެންގޮސްފައެވެ. އެއީ 1.8 މެގަވޮޓުގެ 2 ޖަނަރޭޓަރާއި 1.6 މެގަވޮޓުގެ ޖަނަރޭޓަރެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ވިދާޅުވީ ވިދާޅުވީ އައްޑޫ ސިޓީއަށް ގެންގޮސްފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން 1.6 މެގަވޮޓުގެ ޖަނަރޭޓަރު މިހާރު ބޭނުން ކުރަން ފަށާފައިވާކަމަށެވެ. އަދި 1.8 މެގަވޮޓުގެ 2 ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އަންނަ ހަފްތާގެ ތެރޭގައި އެ ޖަނަރޭޓަރުވެސް ބޭނުން ކުރަން ފަށާނެކަމަށެވެ. ނަޖާހު ވިދާޅުވީ 1.8 މެގަވޮޓުގެ ދެ ޖަނަރޭޓަރުވެސް 10 ދުވަހުގެ ތެރޭގައި ބޭނުން ކުރަން ފެށޭނެކަމަށެވެ.

އައްޑޫސީޓީގައި މިހާރު ބޭނުންކުރަމުންދާ ޖަނަރޭޓަރުތައް މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން ފާހަގަކުރައްވާ ނަޖާހު ވިދާޅުވީ އިތުރު 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެނައުމަށް ޓެންޑަރަށް ލާފާވާކަމަށެވެ. އަދި އެ ޖަނަރޭޓަރު މިއަހަރުގެ ނިޔަލަށް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. މިއާއެކު އަންނަ ރަމަޟާންމަހުވެސް ކަރަންޓު އެކަށީގެންވާ ގޮތުގައި ފޯރުކޮށްދެވޭނެކަމަށް އޭނ ވިދޅުވިއެވެ. އަދި އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައިވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު، 11.6 މެގަވޮޓަށް އަރައެވެ. އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 19 ޖަނަރޭޓަރުގެ ތެރެއިން، ގިނަ ޖަނަރޭޓަރުތައް އޯވަހޯލް ނުކޮށް ދިގުލައިގެންދިއުމުން ހަލާކުވުމުގެ ސަބަބުންނެވެ. މިއާއެކު އެ ސިޓީގައި ބައެއް ވަގުތުތަކުގައި ކަރަންޓު ކަނޑަން ވަނީ ޖެހިފައެވެ. އެކި ވަގުތުތަކުގައި ކަރަންޓު ކަނޑަން ޖެހުމުން ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ އައްޑޫ ސިޓީއަށް މީގެ ކުރިންވެސް ޖަނަރޭޓަރުތަކެއް ފޮނުވާފައެވެ.